ބައެއް ރަށްރަށުން ކޯލިޝަންގެ ސަރުކާރުގެ ކިބައިން ކަމަކަށް އެދެން ބޭނުންވަނީވެސް ވެރިކަން ބަދަލު އިންޞާފު ލިބެން ފެށުމުން ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ހައްދުންމަތި ގަމުގައި ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ އިއްޔެ މުންޑޫއަށް ވަޑައިގަތުމުން ކައުންސިލުގެ ރައީސް ވިދާޅުވީ ވެސް އެއްވެސް ކަމަކަށް އެދިވަޑައިގަންނަވަން ބޭނުންފުޅުވަނީވެސް ވެރިކަން ބަދަލުވެ ރައްޔިތުންނަށް އިންޞާފު ލިބެން ފެށުމުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ވިސްނުން ހުރި ގޮތް ކަމަށެވެ.
އިބޫ ވިދާޅުވީ ވިޔަފާރިއާއި ބެހޭ މައްސަލައެއްގައި ކޯޓަކަށް ހުށަހެޅި ނަމަވެސް އެ މައްސަލައެއް ނިމެން އެތައް އަހަރެއް އެބަ ނަގާ ކަމަށާއި އެ މުއްދަތުގައި ބޮޑެތި އަދަދުތަކުގެ ފައިސާތައް ހުންނަނީ ބޭނުން ނުކުރެވި ތާށިވެފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިޤްޠިޞާދީ ކުރިއެރުމަށް ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އިބޫ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ އެއްވެސް މީހަކަށް އަދުލު އިންސާފު ލިބޭކަމަށް ޤަބޫލު ނުކުރެވުން ކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. ކޯލިޝަނުގެ ސަރުކާރެއްގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވައިގެން އިޞްލާޙް ކުރައްވާނެ އެއް ކަމަކީ ޝަރުޢީ ނިޒާމު ކަމަށެވެ.