އިދިކޮޅު ކޯލިޝަންގެ ބޮޑުޖަލްސާއެއް އަންނަ ހުކުރު ދުވަހުގައި ބޭވުމަށްޓަކައި ކާނިވާ ދޫކޮއްދިނުމަށް ހައުސިން މިނިސްޓްރީގައި އެދިއްޖެއެވެ.
މިއަދު އިދިކޮޅު ކޯލިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ބޮޑު ޖަލްސާއެއް މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކާނިވާ ދޫކޮށްދިނުމަށް މީގެ ތިންދުވަސް ކުރިން ހައުސިން މިނިސްޓްރީއަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޭގެ އަށް ވަޑައިގެން ފޯމަތައް ފުރުއްމުގެ ބަދަލުގައި، އެބޭފުޅާގެ މަސްސޫލިއްޔަތު ރަންގަޅަށް އަދާކުރައްވައި ރައްޔިތުންނަށް ހިދުމަތް ދޭނަޖެހޭ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން އެބޭފުޅުންނަށް ހަމަހަމަ ކަމާއެކު ކެންޕޭންކުރުމަށްދައުލަތުގެ މައައްސަސާތައް ދިނުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ނިމިގެނަދިޔަ މަހުގައި އަންގަވާފައި އެވެ.
އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ބޭއްވުމަށް ދައުލަތުގެ އެވެސް ބިމެއް ނުލިބޭއިރު އޭޖީއިން ވަނީ މަގުތަކާ ދައުލަތުގެ ބިމާއި އިމާރާތްތައް ހަމަހަމަ ކަމާއެކު ސިޔާސީ ފަރާތްތަކަށް ފޯރުކޮށްދިނުމަށް އަންގަވާފައެވެ.