ވޯޓުގެ ނަތީޖާ ނުކުތް ގޮތުން މާމެންދޫ ޒުވާނުންނަށް ސަރުކާރުން ވަނީ ހުރަސްތައް ކުރިމަތިކޮށްފަ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ވޯޓުގެ ނަތީޖާ ނުކުތް ގޮތުން މާމެންދޫ ޒުވާނުންނަށް ސަރުކާރުން ވަނީ ހުރަސްތައް ކުރިމަތިކޮށްފަ: އިބޫ
ހައްދުންމަތި މާމެންދޫގައި ފުޓްސެލް ދަނޑެއް އެޅުމަށް ހިލަ އާއި ހިލަވެލިތައް ގެންދިއަތާ އެތައް ދުވަހެއް ވަމުންދާއިރުވެސް އަދި ހިލަތަކާއި ހިލަވެލިތައް ގެއްލިގެންދާއިރުވެސް ފުޓްސެލް ދަނޑު އެޅުމުގެ މަސައްކަތްކޮށްފައި ނުވަނީ ވޯޓުގެ ނަތީޖާ ނުކުތް ގޮތުން ކަމަށާއި ކޯލިޝަނުގެ ސަރުކާރެއްގައި ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް އެފަދައިން ކަންތައް ނުކުރާނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާމެންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ މިއަދު ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވިނަމަވެސް ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި ތަފާތު ކޮށްގެން ނުވާނެ ކަމަށާއި ޒުވާނުންނަށް ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މާމެންދޫ އިންޖީނުގެ ރަށު މެދުގައި ހުންނާތީ ދުރު ސަރަހައްދަކަށް ބަދަލުކުރުމަށް ފެނަކައަށް ބިން ހަވާލުކުރިތާ 2 އަހަރު ވީއިރުވެސް އެކަމުގެ މަސައްކަތްކޮށްފައި ނުވާތީ ކޯލިޝަނުގެ ސަރުކާރުގައި އެ މަސައްކަތްކުރާނެ ކަމަށެވެ.

މާމެންދޫއަކީ އުޅަނދުފަހަރު ބަންނަ އަދި ގިނަ އަދަދެއްގެ އުޅަނދު ދުއްވާ ރަށެއް ކަމާއި އަދި މަސްވެރި ރަށެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެހެންކަމާއިއެކުވެސް ކައިރި ސަރަހައްދަކުން އައިސް ލިބޭނެ ގޮތް ހަމަޖައްސައިދީފައި ނެތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. "ކޯލިޝަނުގެ ސަރުކާރެއްގަ ގާތުން އައިސް ލިބޭނެ އިންތިޒާމު ހަަޖައްސާނަން."

މާމެންދޫއަކީ މަސްވެރިކަމުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުން އަންނަ ރަށެއް ކަމާއި އާބާދީގައި 1300 މީހުން ހިމެނޭކަން އަދި ރަށުގައި މިހާރުވެސް ހާހެއްހައި މީހުން ދިރިއުޅޭކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ މާމެންދޫއަކީ ވެސް ބޭންކުގެ ޚިދުމަތް ލިބެންޖެހޭނެ ރަށެއް ކަމަށާއި ކޯލިޝަނުގެ ސަރުކާރެއްގައި ބޭންކެއްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

މީގެ އިތުރުން މާމެންދޫއަކީ ބިން ފުރުމުގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ރަށެއްކަމާއި މަޖުބޫރުވެގެން ބައެއް ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުވާންޖެހިފައިވާކަން ފާހަގަ ކުރައްވައި މާމެންދޫގެ ބިން އިތުރު ކޮށްދެއްވާނެ ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން