ވ. ރަކީދޫގައި 2015 ވަނަ އަހަރު އަނިޔާކޮށް މަރާލި އުމުރުން އެންމެ ތިން އަހަރުގެ މުޙައްމަދު އިބްތިހާލުގެ މަރުގެ ދައުވާ ލިބޭ، އޭނާގެ މަންމަ އާފިޔާ މުޙައްމަދުގެ ބަޔާން އޭނާ ކުއްލިއަކަށް ބަދަލުކޮށް، އިބްތިހާލަށް އެދުވަހު އަނިޔާ ނުކުރާ ކަމަށާއި މަރާނުލާ ކަމަށް ވެސް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.
އިބްތިހާލަށް ބޮޑެތި އަނިޔާތަކެއްދީ، އޭނާ މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، މީގެ ކުރިން ބޭއްވި މިމައްސަލައިގެ އަޑުއެހުންތަކުގައި އާފިޔާ ވަނީ އިބްތިހާލަށް އެދުވަހު އަނިޔާކުރި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ވެސް ތަފްސީލުކޮށް ކިޔައިދީފައެވެ.
މިމައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އާފިޔާގެ ވާހަކަ ކުއްލި ގޮތަކަށް ބަދަލުވީ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަސް ނެގުމަށްފަހު އެހެކިބަހާ ގުޅޭގޮތުން އެއްޗެއް ބުނުމަށް އޭނާއަށް ދިން ފުރުސަތުގައެވެ.
އާފިޔާ މިއަދު ބުނެފައިވަނީ މީގެކުރިން ބޭއްވި ޝަރީޢަތްތަކުގެ އަޑުއެހުންތަކުގައި، އިބްތިހާލު މަރާލިކަމަށް އެއްބަސްވީ ބަޔަކު އޭނާއަށް ބިރު ދެއްކުމުން ކަަމަށެވެ.
އެއީ ކޮންބައެއްތޯ ގާޒީ މުހުތާޒް ފަހުމީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ އޭގެތެރެއިން އެކަކީ އަބްދުލްފައްތާހު ކިޔާ މީހެއް ކަމަށާއި އަނެކަކަކީ ޒަރީނާ ކިޔާ މީހެއް ކަމަށެވެ.
އިބްތިހާލު މަރާލިކަަމަށް މީގެކުރިން ކޯޓުގައި ބުނީ ބިރުން ކަމަށް ބުނާއިރު، އެވާހަކަ ކޯޓުގައި މީގެކުރިން ނުބުނީ އެމީހުން ދެއްކި ވާހަކަތަކަކީ މަޖަލަކަށް ދެއްކި ވާހަކަ ތަކެއް ކަމަށް ހީކޮށް ކަމަށެވެ.
އިބްތިހާލު މަރުވީ ކިހިނެއްތޯ ސުވާލު ކުރުމުން އާފިޔާ ބުނެފައިވަނީ، އޭނާ އެދުވަހު ގެއަށް ދިޔައިރު ވެސް އިބްތިހާލު މަރުވެފައިވާ ކަމަށާއި ގޭތެރޭގައި ބޮޑެތި ފިޔަވަޅުތަކެއް ވެސް ހުރިކަމަށެވެ.