150 ދަތުރު މާފުށްޓަށް ކުރަން ޖެހުމުންވެސް ވަރުބައްޔެއް ނުވޭ - އިންސާފު ލިބެންދެން ހުންނާނީ މަގުމަތީގަ: އާދަމް ޢާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
150 ދަތުރު މާފުށްޓަށް ކުރަން ޖެހުމުންވެސް ވަރުބައްޔެއް ނުވޭ - އިންސާފު ލިބެންދެން ހުންނާނީ މަގުމަތީގަ: އާދަމް ޢާޒިމް
ބޭބޭފުޅު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ޢާއިލާއިން މިހައިތަނަށް މާފުށީ ޖަލަށް ވަނީ 150 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށާއި ނަމަވެސް ވަރުބަލި ނުވާކަމަށް އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ކޯލިޝަނުން މިރޭ ޖޭޕީ ހެޑްކްއާޓަރސް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ "1000 އަހަރު" ވަންދެން މަގުމަތީގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް އިންސާފުލިބެންދެން ސާބިތުކަމާއިއެކު ދެމިހުންނަވާނެ ކަމަށެވެ.

"އެ ފިސްތޯލައިން 3 މީހެއްގެ ޑީއެންއޭ ވަނީ ފެނިފަ. ވީމާ އެއިގައި އެއިރުގެ ސީޕީ ހުސައިން ވަޙީދުގެ ޑީއެންއޭ ހިމެނޭތޯ ޓެސްޓްކޮށްދޭން އަޅުގަނޑު ގޮވާލަން. އެއީ އެކަން ހުސައިން ވަހީދު ކުރެއްވިކަމަށް ދަންނަވަނީއެއް ނޫން. ނަމަވެސް އެފަދަ މަޤާމެއްގައި ހުންނެވި ބޭފުޅެއް ވީމާ އެއީ ޙުސައިން ވަޙީދުގެ ޑީއެންއޭ ނޫންކަން އެނގެންޖެހޭތީ."

އާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު ކާނަލް ނާޒިމްގެ ކޮޓަރިކޮޅުން ފުލުހުން "ހޯދި" ފިސްތޯލައިން ނާޒިމްގެ ޑީއެންއޭ ފެނިފައެއް ނުވެއެވެ.

ފެނިފައިވަނީ ހަމައެކަނި އަދީބުގެ ޑީއެންއޭ އެވެ. ދެން ފެނުނު 2 ޑީއެންއޭ އަކީ ކޮންބައެއްގެ ޑީއެންއޭކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާން ވަނީ މަރުވެފައިކަމަށް ރައީސް ޔާމީން އިއްޔެ ވިދާޅުވި މައްސަލައިގައި އާޒިމް ވިދާޅުވީ އެއީ ތަޙްޤީޤްކުރަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެފަދަ ތަޙްޤީޤެއް ކުރެވޭނީ ރައީސް ޔާމީން ހައްޔަރުކޮށްގެން ކަމަށެވެ. "ރިޟްވާން މަރުވެފައިވާކަން އެނގިވަޑައިގެންނެވި ގޮތެއް ހޯދަން އެބަޖެހޭ."

ރައީސް ޔާމީން ފަހުން ވިދާޅުވީ އަދި ރިޟްވާން ފެންނާނެ ކަމަށާއި އެމޭރުމުން ވިދާޅުވީ ރިޟްވާން މަރުވެފައިވާކަން ބަޔާންކުރެއްވުމުގެ މުރާދުގައި ނޫން ކަމަށެވެ.
މިއަދު އޮންލައިން