ޤާނޫނު އަސާސީގައިވާ އަދަދު ހަމަނުކޮށް މަޖިލިސް ތެރޭގައި ކުޅެނީ ތަމްސީލުތަކެއްތޯ؟ ޖޭޕީގެ ޕޯޑިއަމްގައި ލައިވްކޮށް ދެއްވި ވާހަކަފުޅަކާއި ގުޅިގެން 3 އަހަރާ 2 މަހާ 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ސުވާލުކުރައްވާފައިވަނީ ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގެ ބައިވރިންނަށް އިއްވެވި ބަސްކޮޅެއްގައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ފެހި ޤާނޫނު އަސާސީގައި އޮތީ 3 ބާރު ވަކިކޮށްފައި ކަމަށާއި އެއްބާރުގެ ތެރެއިން އަނެއް ބާރަށް ނުފޫޒު ފޯރުވޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށްވީ ނަމަވެސް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނީ ޤާނޫނު އަސާސީއަށް ކަމަށާއި ޤާނޫނަށްވުރެ މަތީގައި ނުހުންނެވޭނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ބްރިޖުގެ އަސްލު އަގު ވެސް ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށާއި ގޮތް ނުއެނގޭ، އަދަދު ނުއެނގޭ ދަރަނިތައް ދަރިންގެ ބޮލުގައި އެޅުވިގެން ނުވާނެ ކަމަށެވެ.
"މިއަދު ކިތަންމެ ވަރަކަށް މީހުން ޖަލަށް ލީނަމަވެސް މީހުންގެ އަޒުމާއި ހިތްވަރު ޖަލަކަށް ނުލެވޭނެ." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. އަދި ނޫސްވެރިޔާ ރިޟްވާންގެ މަރުގެ މައްސަލައިގައި 3 ގަޑިއިރު ތެރޭގައި ދެފަހަރު ދެ ގޮތަށް ރައީސް ޢަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވާފައިވާކަންވެސް ޤާސިމް އިބްރާހީމް ވަނީ ފާހަގަކުރައްވައިފައެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމްކުރި ކަމަށް ބުނެ ބަޔާނެއް ނެރެފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޢައިރު ޙާޒިރުގައި ރޭގަނޑު ދަންވަރުއެވެ. އެ ބަޔާނުގައި ޤާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި މައްސަލަ ވަނީ 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތއިުނާފްކޮށްފައެވެ. އަހަރު ފުރެން ދާދިކައިރިވެފައިވާއިރުވެސް އަދިވެސް މައްސަލައިގެ އެންމެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެއެވެ.