ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން ފޯމް ހުށަހަޅުއްވައިފި
މިއަަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ޖެހިވަޑައިގަންވާ ފޯމް ރައީސް ޢަބްދުﷲ ޔާމީން އެކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބް ރައީސް މޫސާ ޒަމީރެވެ. ފޯމް ހުށަހެޅުއްވުމަށް ކުރިއަށް ގެންދިއަ ރަސްމިއްޔާތު ދާދި ދެންމެ ވަނީ ނިމިފައެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ. ޝަހީމް ޕީޕީއެމަށް ސޮއިކުރެއްވީ ރިޔާސީ ޓިކެޓާއި ރަނިންމޭޓް ކަމުގެ ޓިކެޓް ހަވާލުކުރުމަށް ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއްގައި ގއ އަތޮޅުގައެވެ. މޫސާ ޒަމީރުު ވިދާޅުވީ ފޯމް ހުށަހެޅުމަށް ޚާއްޞަ ަރސްމިއްޔާތެއް ނުބޭއްވީ މިއަދަކީ ރަސްމީ ދުވަހަކަށްވާތީ ކަމަށެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް މިފަހަރު ފޯމް އެންމެ ފުރަތަމަ ހުށަހެޅުއްވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރަނިންމޭޓް ފައިސަލް ނަސީމްއެވެ. އެ ދެ ބޭފުޅުންގެ ފޯމް ބަަލއިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.