މިފްކޯއަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ މުހިންމު އެއް ކުންފުންޏަށް ވެގެންދާނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
ގއ. ކޫއްޑޫ މަސްވެރިންގެ މެރީނާ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަހީރު ވިދާޅުވީ، މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް އެންމެ މުހިންމު އެއް ކުންފުންޏަށް މިފްކޯ ވެގެންދާނެ ކަމަށެވެ.
ޝަހީރު ވިދާޅުވީ މީގެ ދެ އަހަރު ކުރިން ސަރުކާރުން، އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރި އިރު އެ ކުންފުނި އޮތީ ވަރަށް ބޮޑަށް "އަނަރޫފަ"ވެފައި ކަމަށެވެ. ކުންފުންޏަށް ބޮޑެތި ގެއްލުންތައްވީ 2008 ވަނަ އަހަރު، އޭރުގެ ސަރުކާރުން މިފްކޯ ތިން ބަޔަކަށް ބަހާލުމުން ކަމަށް ޝަހީރު ވިދާޅުވި އެވެ.
މިސަރުކާރުގެ އެއްބާރުލުމާއެކު މިފްކޯ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ކުންފުނިން އޮޕަރޭޓުކުރާ މަސް ބޯޓުތަކުގެ 90 ޕަސެންޓް ޑޮކްކޮށް، ބޭނުންވާ މަރާމާތުތައް ކުރެވިފައިވާ ކަމަށްވެސް ޝަހީރު ވިދަޅުވިއެވެ. އަދި ކުރިން އޮޕަރޭޓުކުރީ ނުވަ އައިސް ޕްލާންޓް ކަމަށެވެ. ނަމަވެސް، އެ އަދަދު މިހާރު 14 އަށް އިތުރު ކުރެވިފައިވާ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ. އަދި އިތުރު ތިން އައިސްޕްލާންޓްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ
އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް، ކުރިން ތިން ބަޔަށް ބަހާލި ކުންފުނި އެއްކޮށްލުމުން، ފެލިވަރުގެ ކޭނަރީ 10 ޓަނުން 65 ޓަނު ބަންދުކުރެވޭ ވަރަށް ކެޕޭސިޓީ އިތުރު ކުރެވިފައިވާ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.
މިފްކޯ އެސްޓީއޯގެ ދަށަށް ބޮޑު ދަރަންޏާއެކު ބަދަލު ކުރުމަށް ފަހު، އެ ކުންފުނިން އެސްޓީއޯއިން ކްރެޑިޓަށް ނެގި ތެލަށް އަރާފައި އޮތް 100 މިލިޔަން ރުފިޔާ ސަރުކާރުން ދައްކައިދިނެވެ. އެއާއެކު ދަރަނި 238 މިލިޔަން ޔުރިޔާއަށް ކުޑަވެގެން ދިޔައެވެ.