ރާއްޖޭގެ ސްކޫލް ދަރިވަރުންނަށް މޫދު އަޑީގެ ފަރުތަކާއި މަސްތަކާއި މުރަކަތައް ހަމަލޮލުން ބަލައިލުމުގެ ފުރުޞަތު ހޯދައިދިނުމުގެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދަވާ ޕްރޮގްރާމް ފަރުކޮއި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
ބުރާސްފަތި ދުވަހު އާޓް ގެލެރީގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި ފަރުކޮއި ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ. ފަރުކޮއެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހް ކުރެވުމާއިއެކު އެ ޕްރޮގްރާމްގެ ވެބްސައިޓްވެސް މިއަދު މިވަނީ ލޯންޗް ކޮށްފައެވެ. ފަރުކޮއެ ޕްރޮޖެކްޓާއި ބެހޭ ތަފާތު މަޢުލޫމާތު މި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ފަރުކޮއެ ޕްރޮގްރާމަކީ މިއަހަރު ފެބްރުއަރީ މަހު ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިއަށްގެންދަމުން އަންނަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެދަށުން ރާއްޖޭގެ ސްކޫލްތަކުގެ 35 ހާހަށްވުރެ ގިނަ ދަރިވަރުން މިހާރު ފަރުތަކަށް ޒިޔާރަތްކޮށް ފަރުތަކުގެ ރީތިކަންވަނީ ބަލައިފައެވެ.
" ފަރުކޮއެ " ޕްރޮޖެކްޓްގެ ދަށުން މިއަދު އާރޓް ގެލެރީގައި އެކްޕޯއެއް ފެށިގެން ކުރިއަށް އެބަދެއެވެ. މި އެކްސްޕޯގައި ފަރުކޮއެ ޕްރޮގްރާމާއި ގުޅޭ ތަފާތު 20 ސްޓޯލެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ސްކޫލަކާއި 12 އަމިއްލަ ޖަމްޢިއްޔާއެވެ. މި އެކްސްޕޯ މިރޭ 10 ޖަހަންދެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގައިވެސް މޫދަށް އުކާލެވޭ ކުންޏާއި ޕްލާސްޓިކް ކޮތަޅު ނުވަތަ ދާގަނޑުފަދަ ތަކެތީގެ ސަބަބުން މޫދުގެ ދިރުންތައް އޭގެ ޝިކާރައަކަށްވެއެވެ. ނަތީޖާއަކަށްވެގެންދަނީ މޫދުގެ ދިރުންތައް މަރުވެ، ލޮނުގަނޑު ތަޣައްޔަރުވެ، އޭގެ ސަބަބުން މީހުންނަށް ތަފާތު ބަލިމަޑުކަން ކުރިމަތިވެއެވެ. މީގެއިތުރުން އަޅުގަނޑުމެން މިކަމާމެދު މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަން ނުފަށައިފިނަމަ އަޅުގަނޑުމެންގެ ދެން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް މިހާރު މިފެންނަ ރީތި ފަރުތަކާއި އޭގެ ދިރުންތައް ނުފެނުމަކީ ވަރަށް ކައިރިކަމެކެވެ. އެހެން ކަމުން މިކަމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން، ފެށުނު މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ތިމާވެށި، ހާއްސަކޮށް އަޅުގަނޑުމެންނަށް ލިބިފައިވާ ނާޒުކު ރީތި ފަރުތަކުގެ ރީތިކަން ދަރިވަރުން އަމިއްލައަށް ތަޖުރިބާކޮށް ފަރުތައް ހިމާޔަތްކުރުމަށް އެކުދިންގެ ހިތުގައި ލޯބިޖެހި ފަރުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް އިސްނަގައިގެން މަސައްކަތް ކުރާނެ ޖީލެއް އުފެއްދުމެވެ.
ރާއްޖޭގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން ސްކޫލުތަކުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަރުތައް ދައްކާލުމަށް މި ޕްރޮގްރާމްގައި ހިމެނިފައިވެއެވެ.
މި ޕްރޮގްރާމްގެ ޝިއާރު " ފަރުކޮއެ- ވޮއިސް ފޮރ ދަ އޯޝަން " އިން ދޭހަކޮށްދެނީ ފަރުތައް ހިމާޔަތްކުރުމަށް ކޮންމެ ކުއްޖަކީވެސް ޒިންމާދަރުކަމާއެކު މަސައްކަތްކުރާ ކުއްޖަކު ކަމުގައި ވާންޖެހޭ ކަމެވެ.
" ފަރުކޮއެ"ގެ ދަށުންތަފާތު ހަރަކާތްތައް މިހާރުވެސް ދަނީ ހިންގަމުންނެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ޕްލާސްޓިކް މިއަހަރުގެ މާރޗްމަހުގެ 1ވަނަ ދުވަހުން ފެށިގެން ބޭނުންކުރުންވަނީ ހުއްޓާލާފައެވެ. މީގެއިތުރުން ޕްލާސްޓިކް ރައްކާތެރިގޮތެއްގައި ނައްތާލުމަށްޓަކައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއްކަމަށްވާ ޕާލޭއާއެކު 54 ސްކޫލެއްގައި މިހާރު ޕްލާސްޓިކް އެއްކުރުމަށްޓަކައި ޖަންބޯ ބޭގްސް ބެހެއްޓިފައިވެއެވެ. ސްކޫލް ޖަމާޢަތުގެ އިތުރުން ރަށުގައި މިމަސައްކަތްކުރުމުގެގޮތުން އެކި ސްކޫލްތަކުން ތަފާތުއެކި ހަރަކާތްތައް ހިންގާފައިވާކަން ފާހަގަކުރަމެވެ. މީގެތެރޭގައި ރަށުތެރެ ގަވައިދުން ސާފުކުރުމާއި، ޕްލާސްޓިކް ރައްކާތެރިގޮތެއްގައި ނައްތާލުމަށްޓަކައި އިންޓަސެޕްޝަން ޕޮއިންޓްތައް ސްކޫލްތަކުގައި ޤާއިމްކުރުމާއި، ދަރިވަރުންގެ ފަރާތުން ރަށުގެ ފިހާރަތަކަށް ފޮތިކޮތަޅު ހަދިޔާކުރުން ހިމެނެއެވެ.