ބްރޯޑްކޮމް އިން ކުރާ ޖުރުމަނާތަކަށް މީޑިއާތަކަށް ބަދަލު ހޯދައިދޭނީ ބްރޯޑްކޮމްގެ މެންބަރުން އިފްލާސްކޮށްގެން: އިންތި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ބްރޯޑްކޮމް އިން ކުރާ ޖުރުމަނާތަކަށް މީޑިއާތަކަށް ބަދަލު ހޯދައިދޭނީ ބްރޯޑްކޮމްގެ މެންބަރުން އިފްލާސްކޮށްގެން: އިންތި
މަޖިލީހުގައ ތިބި އިދިކޮޅު މެންބަރުންނަށް މަޖިލީހަށް ވަދެވި ހަރަކާތްތެރިވާން ފެށުމުން، ބްރޯޑްކޮމް އިން ރާއްޖޭގެ މީޑިއާތައް މިހާރު ކުރަމުން ގެންދާ ޖުރުމަނާތަކުގެ ބަދަލު މީޑިއާތަކަށް ހޯއްދަވައިދެއްވާނެ ކަމަށާއި ހޯއްދަވައިދެއްވާނީ ބްރޯޑްކޮމްގެ 7 މެންބަރުން އިފްލާސްކުރައްވައިގެން ކަމަށް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ 2 މިލިއަން ރުފިޔާއިން ޖުރުމަނާކުރުމާއި ގުޅިގެން ފަންޑު ފޮށި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންތި މިއަދު ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖޭގެ މީޑިއާތައް ޖުރުމަނާކުރަމުން ގެންދަނީ ޤާނޫނުން ބޭރުން ކަމަށާއި އެކަންކަން ބަލައި ފިޔަވަޅު އެޅޭނެ ކަމަށެވެ. "ޤާނޫނު އަސާސީ އާ ތަޢާރަޒްވާ ގޮތަށް އެއްވެސް ޤާނޫނެއް ޤަވާއިދެއް ނުހެދޭނެ."

އިންތި ވިދާޅުވީ ބްރޯޑްކޮމްގެ ބައެއް މެންބަރުންނަކީ ޕީޕީއެމުމް ބާއްވާ ހަފްލާތަކުގައި ގޮނޑި އަތުރައިދޭ ބައެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ. އެހެންކަމުން ޕީޕީއެމަށް ގޮނޑިއަތުރައިދޭ ބައަކު އިންސާފުވެރިކަމާއިއެކު އެއްވެސް ކަމެއް ނުކުރާނެކަންވެސް އެންމެންނަށްވެސް އެނގޭނެ ކަމަށެވެ.

އިންތި ވިދާޅުވީ މެލޭސިޔާ ރައްޔިތުން ދާދި އިހަށްދުވަހު ނުކުމެ ވޯޓުން އިންޤިލާބެއް ގެނެސް ވެރިކަމުން ވަކިކުރި ނަޖީބު ރައްޒާޤުވެސް ވެރިކަން ވެއްޓެމުން ދިއައިރުވެސް ޤާނޫނުތަކަށާއި ޤަވާއިދުތަކަށް ބަދަލުތައް ގެނައި ކަމަށެވެ. އެހެންކަމާއިއެކުވެސް ވެރިކަމުގައި ނުބަހައްޓައި ރައްޔިތުން ވަނީ ބޭރުކޮށްފައި ކަމަށެވެ.

"ރާއްޖޭގައި މިފަހަރު ރައްޔިތުން ވޯޓުލައި ގެންނާނީ އިންޤިލާބީ ބަދަލެއް. އިންތިޚާބު އިންޞާފުވެރިއެއް ނުވާނެ. ނަމަވެސް ރައްޔިތުން ބޭނުންވާ ބަދަލު ރައްޔިތުން ގެންނާނެ." ކަމަށްވެސް އިންތި ވިދާޅުވިއެވެ.
މިއަދު އޮންލައިން