މައިންނަށާ އަނބިންނަށް ޤައުމަށްޓަކައި ނުކުންނަން ޤައުމުގެ ހާލަތު މިއަދު މިވަނީ މަޖުބޫރު ކުރުވާފައި ކަމަށް ޖޭޕީގެ ކައުންސިލް މެންބަރު ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޢައިޝާ މިއަދު ވިދާޅުވީ ޤާނޫނު އަސާސީން ބޭރުން ދަރިންނާއި ފިރިން ހައްޔަރުކޮށް އަނިޔާކުރަމުން ގެންދާތީ އެތައް ޢާއިލާތަކަކަށް ވަނީ އެކަންކަމުގެ ވޭންތައް ތަޙައްމަލުކުރަން ޖެހިފައި ކަމަށެވެ. އަދި އެކަމަނާއަކީ ވެސް ހަމަ އެވޭންތައް އިޙްޞާޞްކުރައްވަން ޖެހިވަޑައިގެންފައިވާ ބޭކަނބަލެއް ކަމަށެވެ.
ޢައިޝާ ވިދާޅުވީ މިޙާލަތަކީ ޤައުމުގެ ހަމަ ކޮންމެ ބޭކަނބަލަކަށްވެސް ކުރިމަތިވެދާނެ ޙާލަތެއް ކަމަށް ބައްލަވައި މިހާލަތުން ޤައުމު ސަލާމަތް ކުރަން ދިވެހި ހުރިހާ ކަނބަލުން ނުކުތުމަށް ގޮވާލައްވާ ކަމަށެވެ.
ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ކަންބޮޑުވެގެން އުޅެނީ އެންމެ 10 ވަރަކަށް މީހުން ބަންދުކޮށްގެން ކަމަށެވެ.
ޖަލުތަކުގައި އަނިޔާ ލިބެމުންދާ މީހުންގެ އަނބިންގެ ތެރެއިން 30 އަށްވުރެ ގިނަ އަނބިން ގެންދަނީ ބައްދަލުވުންތަކުގައި ވެސް ބައިވެރިވަމުންނެވެ.