މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ 3 ވަނަ ފަރާތެއް ނެތުމުން އޮންނާނީ ވޯޓުލުމުގެ 1 ބުރު ކަމަށާއި އެހެންކަމުން އެންމެން ނުކުމެ ވޯޓުލައި ރައްޔިތުން ގެންނަން ބޭނުންވެގެން ތިބި ބަދަލު ގެންނަންވާނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ހުޅުވި ނ. އަތޮޅު ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު މިރޭ އިބޫ ވިދާޅުވީ މިހައިތަނަށް ރަޖިސްޓްރީކުރަން ހުށަހަޅާފައިވަނީ 72،000 މީހުން ކަމަށް ބެލެވޭ ކަމަށާއި މިއީ ލަފާކުރެއްވި އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު އަދަދު ކަމަށްވެސް ވެދާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ރީރަޖިސްޓްރީ ކުރަން ހުށަހެޅުމުގެ ފުރުޞަތު މާދަމާ ރޭ ހަމަވެގެންދާއިރު ރީރަޖިސްޓްރީ ނުކުރެވޭ ބައަކުވެސް ތިބެދާނެ ކަމަށެވެ.
އެހެންކަމުން އެއްވެސް ސަބަބަކާއިހުރެ ރީރަޖިސްޓްރީ ނުކުރެވި އޮތްނަމަ ވޯޓުލާން އޮތް ފޮށްޓަކަށް ވޯޓުލައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެންމެ ވޯޓަކީވެސް ވަރަށް މުހިންމު ވޯޓެއް ކަމަށާއި ކިތަންމެ ބޮޑު ތަކުލީފެއް އުފުލައިގެން ނަމަވެސް ވޯޓުލައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.