ރައްޔިތުން ތިބީ އެކުގަ - ވެރިކަން ޖަހައިގަންނާނެ ފުރުޞަތެއް ރައްޔިތުން ނުދޭނެ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 36ސ
ރައްޔިތުން ތިބީ އެކުގަ - ވެރިކަން ޖަހައިގަންނާނެ ފުރުޞަތެއް ރައްޔިތުން ނުދޭނެ: ޤާސިމް
މިފަހަރުގެ އިންތިޚާބުގައި ވޯޓު ނުލިބޭނެކަން ރައީސް ޔާމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެހުންނަވަނީ "އެހެން ކޮންމެވެސް ގޮތަކުން" ކަންތައްތަކެއް ހިންގާލަން ރާވައިގެން ކަމަށް ޤަބޫލުފުޅު ކުރައްވަވާ ކަމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އދ ދިގުރަށު ރައްޔިތުންނާއި މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް މިރޭ ވިދާޅުވެފައިވަނީ ރައްޔިތުން އެކުގައި ތިބުމުން ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނެ ކަމަށާއި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ވީހައި ގިނަ ބައަކު ވީހައި ހެދުނާ ނުކުމެ ވޯޓުލައި ދިނުމަށް ކަމަށެވެ. އަދި ވޯޓުލުމަށް އެންމެންނަށް ހިއްވަރުދީ ވީހައި ގިނަ ބައަކު ލައްވައި ވޯޓު ލެއްވުމަށް މަސައްކަތްކޮށް ދިނުމަށް ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނު އަސާސީގައި ބުނެފައިވަނީ ވެރިކަން ފެށިގެން އަންނަނީވެސް ރައްޔިތުންގެ ކިބައިން ކަމަށްވެފައި އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ އަތުގައި ކަމަށް ޤާނޫނު އަސާސީގައި ބުނެފައި އޮތުމުން ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤުތައް ރައްޔިތުންގެ އަތްމައްޗަށް މިފަހަރުގެ ވޯޓުގައި ގެންނާނެ ކަމަށެވެ.

ޤާނޫނުގެ ކުރިމަތީގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށާއި ޤާނޫނު އަސާސީގައި ބުނެފައިވަނީ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އިންޞާފުވެރިކަމާއެކު އެންމެންގެ މައްސަލަ ވެސް ބަލަންޖެހޭނެ ކަމަށް ކަމުގައި ތަފާތު ފިކުރުގެ ޕާޓީތަކަކުން ގުޅިގެން މިއަދު މަސައްކަތް ކުރަމުން ގެންދަނީ ޤައުމުގެ ކަންކަން ބިރުވެރިކަމުން ފުރިގެންވާ ފުންމިން ނުއެނގޭވަރުގެ ފުން ވަޅުގަނޑަކަށް ވެއްޓިފައިވާތީ އެ ޙާލަތުން ޤައުމު ސަލާމަތްކުރުމަށް ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ރާއްޖޭގެ 4 އުދަރެސް ވަށާލައި ފުރިފައިވަނީ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ އަމަލުތައް ކަމަށާއި އަދި އިންސާފުލިބުން ވަނީ ނެތިގެން ގޮސްފައި ކަމަށާއި މިއީ ޤައުމަށް ކުރިމަތިވެފައިވާ ވަރަށް ހިތާމަވެރި ޙާލަތެއް ކަމަށެވެ.

"ޖަހާލަތުގެ ފުން ވަޅުގަނޑަކަށް ޤައުމުގެ ކަންކަން މިވަނީ ވެއްޓިފަ. އެއްވެސް ރައްޔިތަކު ސަރުކާރުން ކުރާ އެއްވެސް ކަމަކަށް ތާއީދު ނުކޮށްފިނަމަ ނުވަތަ ސަރުކާރާމެދު ހިތްހަމަނުޖެހިއްޖެނަމަ އެމީހެއްގެ ދުވަސް އެދިއައީ. އެމީހަކާ އަބިދަރިންނާ އެމީހެއްގެ މުދަލުގެ ދުވަސް ދުއްވާލަމުން އެގެންދަނީ. ވެރިކަމުގަ މިހުރީ މިވަރުގެ ބޮޑު އަނިޔާވެރިއެއް."

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންގެ ކުރިމަތީގައި ވެވަޑައިގެންފައިވާ އިއުތިރާފުތަކުގައި ހިމެނޭ މައްސަލަތައް ބަލައިލާނެ އެއްވެސް މުއައްސަސާއެއްވެސް ރާއްޖޭގައި މިހާރު ނެތް ކަމަށެވެ. "އިހައްދުވަހު ގދ މަޑަވެލީގައި ދެއްކެވި ވާހަކަފުޅުންވެސް އެމަނިކުފާނަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަން ހާމަވެގެން ހިނގައްޖެ. އެއް ރަށުގަ ވިދާޅުވީ "ރިޟްވާން" މަރުވެފައިވާކަމަށް އެއްވެސް ޝައްކެއް ނެތޭ. ޔަޤީނޭ. އެއިގެ 4 ގަޑިއިރު ފަހުން މިވިދާޅުވަނީ އަދި އޭނާ ސަލާމަތުން އެބަހުއްޓޭ. ފެންނާނޭ. އެހެންވީމާ ބުއްދި ސަލާމަތުން ނެތްކަން މިވަނީ އެނގިފަ."

ޤާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓު ހޯދަން ކިތަންމެ ގިނަ ފައިސާތަކެއް ބެހި ނަމަވެސް އެއީ ވެނުމަސް ވެނަށް ކާންދިނުންކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ރައްޔިތުން ވޯޓު ނުދޭނެ ކަމަށެވެ. 80 އިންސައްތައަށްވުރެ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުގައި މިހާރުގެ ސަރުކާރަށް ނޫނެކެވެ ބުނާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ އަދީބު ބެހީ "ތިމަންނަގެ" ފައިސާ ކަމަށް ބުނުމުން ގޯނިގޯނީގައި ބެހީވެސް ދޫވެއްސަށް ވެއްދި "ހަރާން" ފައިސާއަކީވެސް ކޮރަޕްޝަނުގެ ފައިސާކަން ރައްޔިތުންނަށް އެނގޭ. މިކަންކަމުގެ އިތުރުން ދީނާއި ޚިލާފް އެތައް ވާހަކަތަކެއް ދައްކާފަހުރި މީހަކު ކުރިމަތިލީމާ ރައްޔިތުން ވޯޓު ނުދޭނެކަން އެނގޭ. މިކަންކަން މިހައި ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުރި އިރުވެސް މިއިން އެއްވެސް ކަމެއް އެއްވެސް މުއައްސަސާއަކުން ނުބަލާ. އެކަމަކު ޤާނޫނުގެ ކުރިމަތީގަ އެންމެން ވެސް ހަމަހަމަ."

ޤާސިމް އިބްރާހީމް ވިދާޅުވީ ރައިސް ޔާމީނަށް ލާ ކޮންމެ ވޯޓެއްވެސް ވެގެންދާނީ އެއްވެސް ބޭނުމެއް ނުހިފޭ ވޯޓަކަށް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ވޯޓު ދިނުމަކީ މިފަހަރު އެއްވެސް ފައިދާއެއް ކުރާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުން ދަރަނިވެރިކުރުވާފައި ކަންކަން ކުރާއިރު 4 ހޮސްޕިޓަލު އަޅާނެ ފައިސާއިން 1 ހޮސްޕިޓަލް އަޅައި 2 އެއާޕޯޓް އަޅާނެ ފައިސާއިން 1 އެއާޕޯޓް އެޅުން އެއީ ރަނގަޅު ގޮތް ނޫން ކަމަށެވެ. 2 ބްރިޖް އަޅާނެ ފައިސާއިން 1 ބްރިޖް އެޅުމަކީވެސް ކުރަން ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ތައުލީމީ ބޭފުޅުންނަށް ބަލާއިރު އެންމެ ގިނަ މާކްސް ހޯދައިގެން އެންމެ މަތީ ދަރަޖަތަކުން ފާސްވާ ނިޞްބަތުގައި ގިނައީ އަންހެނުން ކަމަށެވެ. އެހެންކަމުން މިއަދަކީ ޤައުމަށްޓަކައި އިސްނަގައިގެން އަންހެނުން މަސައްކަތްކުރަންވީ ދުވަސް ކަމަށެވެ. ޖުމްހޫރީ ޕާޓީއަކީ އަންހެނުންނަށް ޙައްޤު މަޤާމް ހޯދައި ދިނުމަށް އަބަދުވެސް މަސައްކަތްކުރާނެ ޕާޓީ ކަމަށެވެ.

ޖޭޕީގެ ޕޯޑިއަމްގައި ލައިވްކޮށް ދެއްވި ވާހަކަފުޅަކާއި ގުޅިގެން ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ މައްޗަށް ވަނީ 3 އަހަރާ 2 މަހާ 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމްކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަޔާނެއް ނެރެފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޢައިރު ޙާޒިރުގައި ރޭގަނޑު ދަންވަރުއެވެ. އެ ބަޔާނުގައި ޤާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި މައްސަލަ ވަނީ 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަހަރު ފުރެން ދާދި ކައިރިވެފައި ވާއިރުވެސް އަދިވެސް މައްސަލައިގެ އެންމެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެއެވެ.
މިއަދު އޮންލައިން