ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ މައްސަލައިގެ ޒިންމާ، ކާނަލް ނާޒިމްގެ މަރުވެފައި އޮތް މަސްގަނޑު ޖަލުން ނެރެން ޖެހުމުގެ ކުރިން ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން އުލައިދިނުމަށް ކާނަލް ނާޒިމްގެ ޢާއިލާއިން އެދިއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް ނާޒިމްގެ ކޮއްކޮ އާދަމް ޢާޒިމް ވިދާޅުވީ ކާނަލް ނާޒިމްގެ މައްސަލަ އަލުން ބަލައި ދިނުމަށް ދައުލަތުގެ ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ތަކުރާރުކޮށް އެދުމުން ވެސް މިއަދާއި ހަމައަށްވެސް އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށެވެ.
ނާޒިމްގެ މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ފުލުހުންގެ ތަޙްޤީޤް ވެސް ފުރިހަމަ ނުކުރަނީސްކަން ފުލުހުން ފާހަގަކޮށްފައިވާއިރު އާދަމް އާޒިމް ވިދާޅުވީ މަންޒަރު ލޮލުން ފެނިފައިވާ މީހަކު ހެކި ބަސް ދޭން ތައްޔާރަށް ހުރުމާއިއެކު އެކަން ބަޔާންކޮށްވެސް މިހާރު ވާނީ މައްސަލަ ހުށަހަޅާފައި ކަމަށެވެ.
ވަކީލުން ވިދާޅުވީ ނާޒިމްގެ ކޮޓަރިކޮޅުން ފެނުނު ކަމަށް ބުނާ ފިސްތޯލައިން އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާކަން ފުލުހުން ހާމަކޮށްފައި ވަނިކޮށް ކަންހިނގައި ދިއަގޮތް ކިޔައިދޭން ތައްޔާރަށް ހުރިކަމަށް ބަޔާންކޮށް އަހްމަދު އަދީބު އަމިއްލައަށް ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެކަމަށްވެސް އިޖާބަ ދީފައި ނުވުމަކީ އަނިޔާގެ މައްޗަށް އަނިޔާ އިތުރުވަމުން އަންނަ ސަބަބެއް ކަމަށެވެ.
ޤާނޫނީ ވަކީލުން ވިދާޅުވީ އެއްވެސް ކޯޓަކުން ކާނަލް ނާޒިމް އާއިބެހޭ އެއްވެސް މައްސަލައެއް މިހާރު ބަލަމުން ނުދާކަމަށް ބުނެ ވަކީލުންގެ ބައްދަލުވުންތައްވެސް ހަމަޖައްސައި ނުދޭތާ 2 މަސް ދުވަސް ވެއްޖެކަމަށެވެ. އެހެންކަމުން ވަކީލުންނަށް މިހާރު ނާޒިމް އާއި ބައްދަލުވެސް ނުކުރެވޭ ކަމަށެވެ.
އާދަމް އާޒިމް އާއި ވަކީލުން މިއަދު ވަނީ ކާނަލް ނާޒިމްގެ މައްސަލައިގައި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން އަމަލުކުރަނީ އިންސާފުން ބޭރުންކަން ބަޔާން ކުރުމަށް ވަރަށް ގިނަ ސަބަބުތައް ހާމަކޮށްފައެވެ.
ވަކީލުން ވިދާޅުުވީ ދަށު ކޯޓުން އަވަސް އަރުވާލައި ފުލުހުންގެ ތަޙްޤީޤް ފުރިހަމަވެސް ނުކުރަނީސް ކުރި ޙުކުމެއްގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައި ނުގަތުމުން އިންޞާފުލިބުމަށް ވަނީ ހުރަސް އެޅިފައި ކަމަށެވެ.
ވަކީލުންގެ ވާހަކަފުޅު (އޯޑިއޯ):