ލޮލުގެ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭ ޒަމާނީ މަރުކަޒެއް ޗައިނާއިން ހުޅުމާލޭގައި ޤާއިމުކޮށްދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލޮލުގެ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭ ޒަމާނީ މަރުކަޒެއް ޗައިނާއިން ހުޅުމާލޭގައި ޤާއިމުކޮށްދެނީ
ލޮލުގެ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭ ޒަމާނީ މަރުކަޒެއް ޗައިނާއިން ހުޅުމާލޭގައި ޤާއިމުކޮށްދެން ނިންމާފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާންގް ލިޒްހޮން ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވެފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ކުރިއަށް ގެންދިޔަ "މައި ސްޓޯރީ ވިތު ޗައިނާ" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއިން ހުޅުމާލޭގައި ލޮލުގެ ބަލިތަކަށް ހާއްސަ މަރުކަޒެއް ގާއިމް ކުރާނެކަމަށާއި އެތަނުގައި ކެޓަރެކްޓް އޮޕަރޭޝަންތަކާއި ލޮލުގެ އެހެން މައްސަލަތަކަށް ފަރުވާ ދެވޭނެ ކަމަށެވެ. އަދި މި މަރުކަޒު ބިނާކުރުމަށް ހުޅުމާލޭގައި ބިމެއްވެސް މިހާރު ހަމަޖެހިފައިވާކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެގެ ފަސް ރަށަކަށް ޑީސެލިނޭޝަން ސިސްޓަމް ދޭން ނިންމާފައިވާކަމަށާއި އަދި ރާއްޖޭގެ 58 ރަށެއްގައި ސޯލާ ހަކަތަ އުފެއްދޭނެ ފަދަ ސޯލާ ޕަވާ ސިސްޓަމްތަކެއް ވެސް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ދާދިފަހުން ވަނީ އެމްއެންޑީއެފްއަށް ސީ އެމްބިޔުލާންސަކާއި ނެޝަނަލް ޑްރަގް އޭޖެންސީގައި ބޭނުން ކުރާނެ ވޭނެއް ހަދިޔާކޮށްފައެވެ. އަދި މިދިޔަ އަހަރު ޗައިނާއިން ވަނީ ރާއްޖެއަށް 850،000 އެލްއީޑީ ބޮކި ވެސް ހަދިޔާ ކޮށްފައެވެ.
މިއަދު އޮންލައިން