އަޅުގަނޑަށް ޖަލު ޙުކުމް އިއްވި ނަމަވެސް ޙަޤީޤީ ކުށްވެރިއަކީ ރައީސް ޔާމީން: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
އަޅުގަނޑަށް ޖަލު ޙުކުމް އިއްވި ނަމަވެސް ޙަޤީޤީ ކުށްވެރިއަކީ ރައީސް ޔާމީން: ޤާސިމް އިބްރާހީމް
ރޭގަނޑު ދަންވަރު ކްރިމިނަލް ކޯޓުން ބަޔާނެއް ނެރުނުއިރު އެ ބަޔާނުގައި ޖަލުޙުމެއް އިއްވާފައިވީނަމަވެސް ޙަޤީޤީ ކުށްވެރިއަކީ ރައީސް ޔާމީން ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާމިގިލި ރައްޔިތންނާއި މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގި ގޮތާއި ޙުކުމް އިއްވި ގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އެމަނިކުފާނަކީ އެއްވެސް އިރެއްގައި އެއްވެސް ކުށެއް ކުރެއްވި ބޭފުޅެއް ނޫންކަންވެސް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

ޤާސިމް ިބްރާހީމް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ކުރައްވަވާފައިވާ އެތައްބައިވަރު ކުށްތަކުގެ ތެރެއިން އެމަނިކުފާނު އަމިއްލަފުޅަށް އިއްތިރާފްވެވަޑައިގެންފައިވާ ކުށްތައްވެސް ރައްޔިތުންނަށް ވަރަށް ސާފޫކޮށް އެނގޭނެކަށެވެ. އެކަންކަން ދައުލަތުގެ މުއައްސަސާތަކަށްވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި ނަމަވެސް ހިތާމައަކީ އެކަންކަން ބަލައި ފިޔަވަޅު އަޅާނެ މުއައްސަސާއެއް ދައުލަތުގައި މިއަދު ނެތުން ކަމަށެވެ. "ޤާނޫނު އަސާސީ އާ ޚިލާފަށް ޤާނޫނު ހަދައި އަޅުގަނޑުމެންގެ އަޑު ވެސް މިއަދު މިވަނީ ކަނޑުވާލާފަ. ނަމަވެސް އަޑު ކަނޑުވާލަންޖެހޭ ކުށްވެރިއަކީ އަޅުގަނޑެއް ނޫން. އަމިއްލަ ފުޅު އިޢްތިރާފްތަކުގައި ހުރި މައްސަލަތައް ބަލައި ތަޙްޤީޤްކޮށް އަޑުކަނޑާލަން ޖެހެނީ ރައީސް ޔާމީންގެ ނޫންތޯ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތައްެވެސް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. ޚާއްޞަކޮށް މާމިގިލީ ރައްޔިތުންނަށް އެކަންކަން އޮޅުވައި ނުލެވޭނެ ކަމަށެވެ. "ސަރުކާރަށް އެބައޮތްތޯ ރާއްޖޭގެ އެއްވެސް ރަށެއްގައި އެއާޕޯޓަކާއި ސީޕޯޓެއް ތަރައްޤީ ކުރެވިފަ؟" ޤާސިމް އިބްރާހީމް ވަނީ ސުވާލުކުރައްވައިފައެވެ.

ޤާސިމް އިބްރާހީމް މިރޭ ވެސް ވިދާޅުވީ ރައީސް ޔާމީނަށް ޖަލުގައި ބަންދުކުރެއްވޭނީ މަސްގަނޑު ކަމަށެވެ. ހިތާއި ރޫޙް އަދި ވިންދު ޖަލުގައި ބަންދު ނުކުރެއްވޭނެ ކަމަށެވެ.

"އަޅުގަނޑަށާ ޢާއިލާއަށް ލިބެމުން މިދަނީ އިންތިހާއަށް ބޮޑެތި އަނިޔާތައް. ކުޑަކުޑަ 6 ދަރިން އެތިބީ ބައްޕަގެ ލޯބިން މަޙްރޫމް ކުރުވާފަ. މަންމަ އަށް މަޖުބޫރުވެގެން މިއަދު އެ ދަރިންކޮޅު ދޫކޮށް ނުކުމެ ދޮރުން ދޮރަށް ހިނގައި ރައްޔިތުންނަށް އާދޭސްކުރަމުން އެގެންދަނީ ހަމަ ދިވެހި ޤައުމަށްޓަކައި. ދިވެހި ރައްޔިތުންނަށްޓަކައި. އަދި އެގޮތަށް އެއުޅެނީ ގޭގައި އިން ނަމަވެސް އަމިއްލައަށް ކާން ނުލިބިގިނެއް ނޫން. ޤައުމަށް ކުރިމަތިކުރުވާފައިވާ މުޞީބާތްތަކުން ޤައުމު ސަލާމަތް ކުރަން މަސައްކަތްކުރުމަކީ މަޖުބޫރު ކަމަކަށްވެގެން. ދިވެހި ރައްޔިތުންގެ ޙައްޤުގައި އެ މަސައްކަތްކުރަން." ކަމަށް ވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ މިއަދު އޮތީ މީހަކު ބުނާބަހަކުން، ކުރާ އިޝާރާތަކުން ކުށްވެރި ކުރުވޭ ގޮތަށް ނޫން ކަމަށާއި ނަމަވެސް މިއަދު ފެންނަމުން މިދަނީ ވަކި މީހަކު ބޭނުންވާއިރަށް މީހުން ކުށްވެރިކުރުވައި ބޮޑެތި އަދަބުތައް ދެމުން ގެންދާތަން ކަމަށެވެ. "މިގޮތަށް އަނިޔާވެރި ގޮތުގައި ވެރިކަން ކުރި ލީޑަރުން ކޮބައިތޯ؟ ކޮބައިތޯ ފިލިޕިންސްގެ ރައީސް މާކޯސް؟ އެފަދަ އަނިޔާވެރި އެހެން ލީޑަރުންތައް؟ ކޮބައިތޯ އެމީހުން ގަދަބާރުން ޖަމާކުރި ފައިސާތައް؟"

ޤާސިމް އިބްރާހީމް ވިދާޅުވީ މިއީ ކަށިން ހިއްވަރު ނެރެގެންވެސް މި އަނިޔާވެރި ޙާލަތުން ޤައުމު ސަލާމަތް ކުރަން ރައްޔިތުންނަށް ލިބިފައިވާ ފުރުޞަތު ކަމަށާއި ހުރިހާ ރައްޔިތުންވެސް ކަށިން ހިއްވަރު ނެރެ އެ މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖޭޕީގެ ޕޯޑިއަމްގައި ލައިވްކޮށް ދެއްވި ވާހަކަފުޅަކާއި ގުޅިގެން ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ މައްޗަށް ވަނީ 3 އަހަރާ 2 މަހާ 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމްކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަޔާނެއް ނެރެފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޢައިރު ޙާޒިރުގައި ރޭގަނޑު ދަންވަރުއެވެ. އެ ބަޔާނުގައި ޤާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި މައްސަލަ ވަނީ 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަހަރު ފުރެން ދާދިކައިރިވެފައިވާއިރުވެސް އަދިވެސް މައްސަލައިގެ އެންމެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެއެވެ.
މިއަދު އޮންލައިން