ރައްޔިތުންގެ މަޖިލީހުގައި އެރަށެއް ހިމެނޭ ދާއިރާ ތަމްސީލުކުރުމުގެ ފުރުޞަތު ނުދިނުމަކީ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
މިހާރު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިރިމަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ހިރިމަރަދޫ ހިމެނޭ ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ޝަހުދީއަކީ ވެސް މަޖިލީހަށް ވަނުން މަނާކޮށް ހުއްޓުވާފައިވާ މެންބަރަކަށްވާއިރު އަދި އެގޮތަށް ބާއްވާތާ އަހަރު ދުވަސްވެފައިވާ ކަމަށާއި އެއީ ޤާނޫނާއި ޚިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އިބޫ ވިދާޅުވީ މެންބަރެއްގެ ގޮނޑި ގެއްލިއްޖެނަމަ އެކަން ކަނޑައަޅާ ފަރާތަކީ ސްޕްރީމް ކޯޓު ކަމަށާއި ގޮނޑި ގެއްލޭތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވައި ދާއިރާ ތަމްސީލު ކުރެވޭނެ ގޮތް ހަދައިދޭންޖެހޭނެ ކަމަށާއި އެކަން ނުކުރުމުން އަންގައިދެނީ މިސަރުކާރުން ޤާނޫނުތަކަށް އަރައިގެންފައިވާ މިންވަރު ކަމަށެވެ.
އިބޫ ވިދާޅުވީ މަޖިލީހުގައި ތިބެންޖެހޭ 85 މެންބަރުންގެ ތެރެއިން 16 މެންބަރުންނަށް ހުރަސްއަޅާފައިވުމުން 80،000 އަށްވުރެ ގިނަ ރައްޔިތުން މަޖިލީހުގައި ތަމްސީލު ނުކުރެވޭ ކަމަށެވެ.