ދިވެހި ރައްޔިތުން ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިކަމާއި، ނާއިންސާފާއި، ޚިޔާނާތާއި، އަޅުވެތިކަމަށް ނޫނެކޭ ބުނާނެކަން ޔަގީންވާކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކު އިންތިޚާބު ނުކޮށްފިނަމަ، ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ދިވެހި ރައްޔިތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭކަން މާޒީގައި ވަނީ ސާބިތުކޮށްދީފައިކަމަށާ ދިވެހި ރައްޔިތުން ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިކަމާއި، ނާއިންސާފާއި، ޚިޔާނާތާއި، އަޅުވެތިކަމަށް ނޫނެކޭ ބުނާނެކަން ޔަގީންވާކަމަށެވެ.
މީގެ 900 އަހަރު ކުރިން ފެށިގެން ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެެރިކަމުގައި ހުރެގެން ނޫންކަމަށާއި އެހެންކަމުން ވަކި މީހަކު ވެރިކަމަށް ނުހޮވިއްޖެނަމަ ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ބުނެ ވާހަކަދެއްކުމަކީ ހަގީގަތާއި ޚިލާފް އަދި ސުންނަތާއިވެސް ޚިލާފު ވާހަކައެއްކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ތާއީދުކުރައްވަނީ ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ކަމަށްވެސް ޝައިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ