މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދާއި ވޯޓެއް ލިިބިވަޑައި ނުގަންނަވާނެ ކަމަށާއި ސަރުކާރުން މަސައްކަތްކުރާނީ ވޯޓު އޮޅުވާލައި ގަޑުބަޑުކުރަން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ހދ. ނައިވާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ވޯޓުފޮށިތަކަށް އަތްބާނައިގެން ވޯޓުގެ ނަތީޖާ ބަދަލުކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށާއި އެކަން ކޯލިޝަނުން ކަށަވަރުކުރާނެ ކަމަށެވެ.
އިބޫ ވިދާޅުވީ މިހާލަތުގައި ރައްޔިތުން އެންމެ މުހިންމުކަމެއް ދީގެން ކޮށްދޭންވީ ކަމަކީ ވޯޓު ލެވޭނެކަން ކަށަވަރުކުރުން ކަމަށެވެ. އެކަން ކަށަވަރުކުރުމަށްޓައި މަދުވެގެން ދުވާލަކު އެއްފަހަރު އިލެކްޝަންސް ކޮމިޝަނަށް އެސްއެމްއެސްކޮށް ވޯޓުލާފޮށި ބަދަލުކުރިތޯ ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިބޫ މިމޭރުމުން ވިދާޅުވެފައިވާއިރު ވޯޓުލާދުވަހު ޑިޔުޓީއަށް ދާން ނުޖެހޭނެ މުވައްޒިފުންވެސް އެމީހަކު މަސައްކަތްކުރާތަނެއްގައި ރަޖިސްޓްރީކުރަން މަޖުބޫރުކުރުވުން ފަދަ ކަންކަން ކުރަމުން ގެންދާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. މީގެ ކުރިން އެއްވެސް އިންތިޚާބެއްގައި ވޯޓު ފޮށްޓެއް ބަހައްޓާފައި ނުވާ ކާޑެއްދޫ އެއާޕޯޓް ފަދަ ތަންތަނުގައި މިފަހަރު ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖައްސައިފައެވެ.