ހައްޖު ކޯޓާ ދޫކުރުމުގެ އިންތިޒާމުތައް, ކޯލިޝަން ސަރުކާރުގައި ދެފުށް ފެންނަ އުސޫލަކުން ކުރާނަން: ފައިސަލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހައްޖު ކޯޓާ ދޫކުރުމުގެ އިންތިޒާމުތައް, ކޯލިޝަން ސަރުކާރުގައި ދެފުށް ފެންނަ އުސޫލަކުން ކުރާނަން: ފައިސަލް
ގުޅިފައިވާ ޕާޓީ ތަކުގެ ކޯލިޝަން ސަރުކާރުގައި ހައްޖު ކޯޓާ ދޫކުރުމުގެ އިންތިޒާމުތައް ދެފުށް ފެންނަ އުސޫލަކުން ކުރާނެކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރަނިންމޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ އެމަނިކުފާނު ފ. އަތޮޅާއި، ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ރަށް، ފ. ފީއަލީ އަށް ވަޑައިގެން ދެއްކެވި ވާހަަކަފުޅުގަ އެވެ.

ފައިސަލް ވިދާޅުވީ ހައްޖަކީ ކޮންމެ މުސްލިމަކު ވެސް އަދާކުރަން ބޭނުންވާ އަޅުކަމަކަށްވާއިރު، ބައެއް ބޭފުޅުންނަށް ހައްޖަށް ދިއުމަށް ފުރުސަތު ގެއްލޭ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަމަށެވެ. އެހެންކަމުން ހައްޖު ކޯޓާ ދޫކުރުމުގެ އިންތިޒާމުތައް މިހާރަށް ވުރެ ބޮޑަށް ދެފުށް ފެންނަ އުސޫލަކުން ހަމަޖައްސަން ޖެހިފައިވާ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި ދެފުށް ފެންނަ އުސޫލަކުން އެކަން ކުރާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ހައްޖުވުމަކީ ކޮންމެ މީހަކުވެސް ވަރަށް މަސައްކަތުން ފައިސާ އެއްކޮށްގެން ކުރާ ކަމެއް ކަމަށާއި އެކަމުގެ ތެރެއަށް ވެސް ނުސީދާ އަމަލުތައް ވަދެ އަގުތައް އުފުލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"ހުރިހާ ކަމެއްވެސް ކުރާނީ އެންމެ އަދުލުވެރި ގޮތުގަ. އެންމެ އިންސާފުވެރިކަމާއިއެކު. ރައްޔިތުންނާ ބޭނުންވާ އަދުލުވެރިކަމާއި އިންށާފު ހޯދައިދޭނަން. އެއިރުން ހުރިހާ ކަންކަން ވެސް ހަަމަޖެހޭނެ. ރައްޔިތުން ތިބޭނީ އުފަލުގަ."

ފައިޞަލް ވިދާޅުވީ ރަށްރަށަށް ދިރުން ލިބޭނީ ރަށްރަށުގައި ތިބި ޒުވާނުންނަށް ތައުލީމްދީ އަދި ތަމްރީނުވެސް ކޮށްގެން ކަމަށާއި އެއީ ކޯލިޝަނުގެ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދީގެން ކުރާނެ މަސައްކަތްތައް ކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ދީނީ ކަންކަން ހަރުދަނާކޮށް ދިވެހިންގެ ދީނީ އަގީދާ ވަރުގަދަކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީ ސިޔާސީ ކަންކަމުން ދުރުކުރަންޖެހޭ ކަމަށާއި ހުކުރު ހުތުބާ ސިޔާސީ ކޮށްފައިވާތީ ބޮޑެތި ވަމުންނަ އަންނަ ކުދިންނަށް އޮޅުންއަރާ ގޮތްތަކެއް ވަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި ދިވެހިންގެ ދީނީ އަގީދާ ވަރުގަދަކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ޅަަފަތުން ފެށިގެން ދީނީ އިލްމަށް ލޯބި ކުރާ ދަރިންތަކެއް ބޮޑުކުރުމަށް ބާރުއަޅާނެ ގޮތަށް ދީނީ ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ.
++++
މިއަދު އޮންލައިން