މޯލްޑިވްސް ޕޮލިޓެކްނިކްގެ ގއ.ވިލިނގިލި ކެމްޕަހުން 80 ދަރިވަރުން ގޮރެޖުއޭޓް ވެއްޖެ އެވެ.
2015 ޖޫން އިންޓޭކްގައި ދެ ކޯހަކާއެކު ކިޔެވުން ފެށުނު ކެމްޕަހުގައި މިހާ ގިނަ އަދަދުގެ ކުދިން ގްރެޖުއޭޓް ވުމަކީ މޯލްޑިވްސް ޕޮލިޓެކްނިކުން ފަޙުރުވެރިކަމާއެކު ފާހަގަކުރާ ކަމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ. މި ކެމްފަހުގައި އެމެފުރަތަމަ ކިޔަވައި ދޭންފެށުނީ ސެޓްފިކެޓް 3 އިން ވެލްޑިން އެންޑް ޝީޓްމެޓަލް އަދި ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އެއާރ ކޮންޑިޝަނިންގ، މި ދެ ކޯހާ އެކުގައި އެވެ.
އެހެން ނަމަވެސް ހުކުރު ދުވަހުގެ ރޭ އެ 80 ދަރިވަރުން ވަނީ 6 ޕްރޮގްރާމަކުން ގޮރެޖުއޭޓް ވެފައެވެ. އެ ކޯސްތަކުގެ ތެރޭގައި ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން، އިލެކްޓްރިޝަން، ވެލްޑިންގ، އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ފަދަ ކޯސްތައް ހިމެނެއެވެ.
ގއ.ވިލިނގިލީ ކެމްޕަސް 2016 ވަނަ އަހަރުގެ އޭޕްރިލް 29 ވަނަ ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމްއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުގެ ޚިދުމަތް ފުޅާކޮށް އަދުގެ ޒުވާނުންނަށް ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ތަމްރީން ހޯދުމުގެ ފުރުޞަތު ފަހިކޮށްދީފައި ވެއެވެ. އަދި ޒުވާނުންނަށް މިދާއިރާތަކުން ވަޒީފާގެ ބާޒާރުން ފުރުޞަތު ފަހިވެގެން ދިއުމަކީ ދިވެހި އިޤްތިޞާދަށް އޭގެ ފައިދާކުރާނެ ކަމެކެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކީ މިދެންނެވި ދާއިރާއިން ސިނާއަތްތަކަށް މީހުން ބިނާކުރުމުގެ ގޮތުން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން އަތޮޅުތަކުގައި އެކިއެކި ޕްރޮގްރާމްތައް ހިންގުން ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން 2015 ވަނަ އަހަރު މާލޭގެ އިތުރުން ދިވެހިރާއްޖޭގެ އިތުރު ހަ ސަރަޙައްދެއްގައި ޕޮލިޓެކްނިކްގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ. އެ ގޮތުން މިހާރު ހަތަރު ސަރަހައްދެއްގައި ޕޮލިޓެކްނިކްގެ ކެމްޕަހެއް ޤާއިމްކުރެވިފައި ވެއެވެ. މިހާރު އެ ހިންގަމުންދާ ކެމްޕަސްތައް ގާއިމްކުރެވިފައިވަނީ ރ.އަލިފުށި، ކ.ތުލުސްދޫ، ގއ.ވިލިނގިލި، އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. މީގެ އިތުރުން ދެ އައުޓްރީޗް ލާރނިން ސެންޓަރެއް ވަނީ ޅ.ފެލިވަރު އަދި ދ.ރިނބުދޫ ގައި ޤާއިމްކުރެވިފައެވެ.