ޖަލުގައި ބަންދުކޮށްފައިވާ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު މިއަދުވެސް ހުންނަވަނީ ފަހަތަށް ޖެހިވަޑައިގަތުމުގެ އެއްވެސް ވިސްނުންފުޅެއް ނެތި، އިޞްލާޙީ ޙަރަކާތާއިއެކު، ވަރަށް ގަދަކޮށްކަމުގެ ޔަޤީންކަން އިލްހާމް ދެއްވައިފިއެވެ. އިލްހާމް މިފަދައިން ޔަޤީންކަން ދެއްވާފައިވަނީ ޖަލު ބަންދުގައި ބަހައްޓާތާ 180 ދުވަސް ވުމާއި ގުޅިގެން ޤާނޫނީ ވަކީލުން މެދުވެރިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައިވަނީ ދަންގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ޖަލުގައި ހުންނަވާތާ މިއަދަށް 6 މަސް ދުވަސް ފާއިތުވެގެން ދިއައީ ކަމަށާއި އިލްހާމް އަޙްމަދު މިއަދު ޖަލު ބަންދުގައި ހުންނެވީ، ހައްޔަރުކުރެވުނު ތުހުމަތުގައިވެސް ނޫން ކަމަށެވެ. ހައްޔަރުކުރެވުނުތާ 1 މަސްދުވަސް ފާއިތުވެ ދިއަ ފަހުން އެމަނިކުފާނުގެ މައްޗަށް ފުލުހުން ވަނީ ޓެރެރިޒަމްގެ ތުހުމަތު ކޮށްފައި ކަމަށާއި ޓެރެރިޒަމްގެ ތުހުމަތެއް ނެތި، 12 ފެބްރުއަރީ 2018 ވަނަ ދުވަހުން ފެށިގެން 14 މާރޗް 2018 ވަނަ ދުވަހާ ހަމައަށް ފުލުހުން އިލްހާމްއަޙްމަދު ޖަލުބަންދުގައި ގެންގުޅެފައިވާއިރު، އެމުއްދަތުގައި އިލްހާމް އަޙްމަދާ ސަވާލުކުރެއްވުނީ ހޫނުފެނުގެ މައްސަލައާއި 2017 ވަނަ އަހަރިގެ މެއި މަހުގައި ހިނގާދިޔަ ރިޝްވަތުގެ މައްސަލައާއި މިއިން މައްސަލައެއްގައި މިއަދާ ހަމައަށް ދަޢުވާކޮށްފައި ނުވާތީ، އެމައްސަލަތަކުގައި އިލްހާމް އަޙްމަދު 1 މަސްދުވަސް ވަންދެން މަންދުގައި ބަހައްޓައިގެން ސުވާލުކުރަމުން ގެންގޮސްފައިވަނީ އިލްހާމް އަޙްމަދުގެ ބަންދުގައި ޤާނޫނީ ކުލަޖެއްސުމުގެ ގޮތުންކަން މިހާރުވަނީ ޔަގީންވެފައި ކަމަށެވެ.
އެއިން އެއްވެސް މައްސަލައެއްގައި ދަޢުވާކުރުމުގެ ބަދަލުގައި އިލްހާމް އަޙްމަދުގެ މައްޗަށް ދަޢުވާކޮއްފައިވަނީ، ހައްޔަރުކުރެވުނު އިރު ކުރެވިފައިވެސް ނުވާ ޓެރެރިޒަމްގެ ތުހުމަތުގެ ދަޢުވާއެއް ކަމަށާއި މިދަޢުވާ ސާބިތުކުރުމަށް ދައުލަތުން 32 ހެއްކެއް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އެހެކިތައް ހުށަހަޅާފައިވާ ސަބަބުތަކުގައި އިލްހާމް އަޙްމަދުގެ ޢަމަލަކާ ގުޅޭ އެއްވެސް ވާހަކައެއްގެ އިތުރުން އިލްހާމް އަޙްމަދުގެ ނަންވެސް ހިމަނާފައިނުވާތީ، އެހެކިތަކަކީ އިލްހާމް އަޙްމަދުގެ ޢްމަލެއް ސާބިތުވުމުގެ ފުރުސަތެއް ވެސް އޮތް ހެއްކާއި ގަރީނާތަކެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާއިން ކަންޑައަޅާފައިވަނީ، ބަންދުގައި ހުންނަ މީހެއްގެ ޝަރީޢަތް އެމީހަކަށް މައްސަލައިގެ ލިޔެކިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި ފަށަންޖެހޭނެކަމަށެވެ. އިލްހާމް އަޙްމަދުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީޢަތުން، ގޮތެއް ނިންމާފައިވާ ތާރީޚްކަމުގައިވާ، 7 މެއި 2018 ވަނަ ދުވަހުން ފެށިގެން ވެސް މިއަދަށް 96 ދުވަސް ފާއިތުވެއްޖެއެވެ. އޭގެ ފަހުން އެއްވެސް އަޑުއެހުމުގެ ވެސް ބޭއްވިފައެއް ނުވެއެވެ. ކަމާބެހޭ އެއްވެސް މުއައްސަސާއަކުން މިކަންކަމާ ގުޅިގެން އެކަށީގެންވާ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަމީ ކިތަންމެ ލަދުވެތި ނަމަވެސް ކަން އޮތް ގޮތުގެ ހަޤީޤަތް" ކަމަށާއި ފާލުން ނެއްޓިފައިވާ ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުވުނުގައި ރެއާ ގުވާލު މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްހާމް އަޙްމަދު މި ފުރުސަތުގައި ޝުކުރު ދަންނަވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.