މޫނު އަޅާފައި ހުރި ކުއްޖަކަށް ސެޓްފިކެޓު ނުލިބުނު މައްސަލައެއް ފެންމަތިވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 36ސ
މޫނު އަޅާފައި ހުރި ކުއްޖަކަށް ސެޓްފިކެޓު ނުލިބުނު މައްސަލައެއް ފެންމަތިވެއްޖެ
ޒަމާނުއްސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުންނަށް، އެއްވެސް ތަފާތު ކުރުމެއްނެތި ނުހަނު އޯގާތެރިކަމާއި ހަމަހަމަކަމާއެކު ތައުލީމު ހާސިލު ކޮށްދީފައިވާ އެވިޑް ކޮލެޖާއިިމެދު، ވަރަށް ނޭދެވޭ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރެމުން އެބަދެއެވެ.

އެކޮލެޖުން "ޑިޕްލޮމާ އިން ޓީޗިން ޕްރައިމެރީ" ކިޔަވަމުން ދިޔަ ނިޤާބް ނުވަތަ މޫނު ބުރުގާ އަޅައިގެން އުޅޭ ދަރިވަރެއް ކަމުގައިވާ ފަތިމަތު މައީޝާ، ދަސްވެނި ވާނެ ކަމަށް އެކޮލެޖުން ބުނެ އެޚަފްލާގައިވެސް ބައިވެރި ކުރުމަށްފަހު ސެޓްފިކެޓް ނުދިން ކަމަށް ބުނާ މައްސަލައެކެވެ.

މައީޝާ ގެ ދައްތައެއް ސޯޝަލް މީޑިއާގައި އެކަން ހިއްސާ ކުރަމުން ބުނެފައިވަނީ މަައީޝާވަނީ އެކޯހުގައި ހިމެނޭ ޓީޗިން ޕްރެކްޓިކަމް (ޓީޕީ) ގެ ބައި ނޫން އެހެން ހުރިހާ ބައެއް ފުރިހަމަ ކޮށްފައި ކަމަށާއި ޓީޕީ ފުރިހަމަ ނުކުރެވުނީ މޫނު އަޅާފައި ހުރުމުގެ ސަބަބުން ކަމަށެވެ.

"ޓީޕީ ފުރިހަމަ ނުކުރެވި އިން ކަމުގައި ވިޔަސް، ގްރެޖުއޭޓް ވެވޭނެ ކަމަށް ކޮލެޖުން އެންގި. މައީޝާ ކޮލެޖަށް ގުޅާފަ އަހަން ވެސް ޔަގީން ކުރި ގްރެޖުއޭޓް ވެވޭތޯ، އެޔަގީންކަން ދިނީމަ ގްރެޖުއޭޓްވުމަށް ދައްކަންޖެހޭ 300 ރުފިޔާ ވެސް ދެއްކީ" މައީޝާގެ ދައްތަ އޭނާ ލިޔުނު ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.

އޭނާގެ ދައްތަ ބުނެފައިވާ ގޮތުގައި ދަސްވެނިވުމުގެ ރަސްމީ ޚަފްލާގައި ބައިވެރިވުމުގެ ކުރިން ރިހާރސަލްގައި ވެސް މައީޝާ ބައިވެރިވިއެވެ. މައީޝާއަށް ދަސްވެނިވުމުގެ ޚަފްލާގައި ބައިވެރިވެވުނެވެ. ސްޓޭޖު މަތިން ފައިލުވެސް ލިބުނެއެވެ. ނަމަވެސް ނުލިބުނީ ސެޓްފިކެޓެވެ.

މައީޝާގެ ދައްތަ ތުހުމަތު ކޮށްފައިވާ ގޮތުގައި، މައީޝާއަށް ސެޓްފިކެޓު ނުލިބުނީ އޭނާއަކީ މޫނުއަޅާ ކުއްޖަކަށްވުމުންނެވެ. ޓީޕީ ފުރިހަމަ ނުކުރެވުނީ ވެސް އެސަބަބާއި ހެދިކަން މައީޝާގެ ދައްތަ ފާހަގަ ކޮށްފައިވެއެވެ.

ބައެއެް މީޑިއާތަކުން ލައިވްކޮށް ދެއްކި އެޚަފްލާގައި މައީޝާ ދަސްވެނިވި މަންޒަރު ދެއްކުމަށްފަހު ވެސް އޭނާއަށް ސެޓްފިކެޓު ނުލިބުން، އޭނާގެ ދައްތަ ވަނީ ކުށްވެރިކޮށްފައެވެ.


މިއަދު އޮންލައިން