ފ. އަތޮޅު ސަލާމަތްކުރެވިފައި އޮތީ ހަމަ ކިރިޔާ ކަމަށާއި ފ. އަތޮޅުގެ ރަށްތައް ސަލާމަތް ކުރަން ކެނޑިނޭޅި މަސައްކަތްކުރަންޖެހޭ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް ވިދާޅުވީ ފ. އަތޮޅުގެ ރައްޔިތުންނަކީ ރަށުގައި ގެދޮރާއި ރުއްގަސް ދޫކޮށް އެހެން ތަނަކަށް ހުޖިރަކުރަން ބޭނުންވެގެން އުޅޭ ބައެއް ނޫން ކަމަށާއި ރަށްތައް ތަރައްޤީކޮށް ކުރިއަރުވައިގެން ދިރިއުޅުން ކުރިއަރުވަން ބޭނުންވާ ބައެއް ކަމަށެވެ.
ފ. ދަރަބޫދޫގައި ވާހަކަފުޅުދައްކަވަމުން ފައިޞަލް މިމޭރުމުން ވިދާޅުވީ ސަރުކާރުން ފ. އަތޮޅުގެ ބޮޑު ބައެއް ސައުދީ ޝާހީ ޢާއިލާއަކަށް ދޭން ނިންމައި އެކަން ކުރިއަށް ގެންދަނިކޮށް އެކަން ހުއްޓުވީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތުންކަން ފާހަގަކުރައްވައެވެ.
ފައިޞަލް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ދެން އޮތީ އެންމެ 42 ދުވަސް ކަމަށާއި އިންތިޚާބު ކާމިޔާބުކުރަން ކޮންމެ ރައްޔިތަކުވެސް ގަދައަޅައި 24 ގަޑިއިރު މަސައްކަތްކުރަންޖެހިފައިވާ ކަމަށެވެ. ހަމައެއާއިއެކު ޕީޕީއެމްއަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ފ. އަތޮޅު ވިއްކައިލުމުގެ ބިރު އަދިވެސް އޮތުމުން ފ. އަތޮޅުގެ ރައްޔިތުން އިތުރަށް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.
ފައިޞަލް މިމޭރުމުން ވިދާޅުވެފައިވާއިރު ޕީޕީއެމަށް ވެރިކަން އިތުރު ދައުރަކަށް ލިބިއްޖެނަމަ ސައުދީ ޝާހީ އާއިލާއަށް ފ. އަތޮޅު ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދާނެކަން ޕީޕީއެމްގެ ޖަލްސާއެއްގައި ދާދިފަހުން ވެސް ވަނީ ހާމަކޮށްފައެވެ. "ފ. އަތޮޅު މަޝްރޫއު އަދިވެސް އޮތީ ކުރިއަށް" ކަމަށް އެބައްދަލުވުމުގައި ބުނެފައިވެއެވެ.