ރާއްޖޭގައި ޖޯގްރަފީގެ ގޮތުން ބަލައިފިނަމަ އެކަހެރި އަތޮޅެއްގެ ގޮތުގައި އޮންނަ ހދ މަކުނުދޫއަށް ވައިގެ މަގުން ދަތުރުތައް ފަށްޓަވާނެ ކަމަށާއި އެ ރަށުގެ ހޮސްޕިޓަލާއި މަސްވެރިކަންވެސް ތަރައްޤީކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މަކުނޫ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ މިރޭ ވިދާޅުވީ މަކުނުދޫފަދަ އެކަހެރިކޮށް އޮންނަ ރަށަކަށް ދަތުރު ފަތުރުކުރުމާއި ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށްދިނުމަކީ ކޮންމެހެން ކޮށްދޭންޖެހޭނެ ކަމެއް ކަމަށެވެ. "ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރެވޭނީ ވިޔަފާރީގެ ގޮތުން ފީސިބަލް ގޮތްތަކެއް ރާވައިގެން. ވީމާ މިރަށަށް އެއްމެ ރަނގަޅީ ސީޕްލޭން ދަތުރުތައްތޯ ނޫނީ މަތިންދާބޯޓް ދަތުރުތައްތޯ ބެލުމަށްފަހު ގޮތެއް ނިންމާނަން."
އިބޫ ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް ޞިއްޙީ ޚިދުމަތްތައް ލިބެންޖެހޭނެ ކަމަށެވެ. މަކުނުދޫ ފަދަ ރަށެއްގެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް ޚިދުމަތްތައް ފުރިހަމަކުރަންޖެހޭނެ ކަމަށެވެ. "އަޅުގަނޑުމެންގެ ސަރުކާރަކުން މިރަށުގެ ހޮސްޕިޓަލުން އެކްސްރޭ އާއި ސްކޭން ކުރުމުގެ ޚިދުމަތް ހަމަޖައްސާނަން. ކުޑަކުދިންގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއްގެ ޚިދުމަތް ދޭނަން."
އިބޫ ވިދާޅުވީ މަކުނުދޫއަކީ މަސްވެރި ރަށަކަށްވުމުން މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށާއި އަދި ދޯނިފަހަރު އެހެލަން އެހެން ރަށްރަށްރަށަށް ދާން ނުޖެހޭނެ ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.