ރިޔާސީ އިންތިޚާބް ޔާމީނަށް ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންނަށް ތިބެންޖެހޭނީ ރައީސް ޔާމީނުގެ އަޅުންގެ ގޮތުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އދ ދަނގެތި ރައްޔިތންނާއި މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމީހެއްގެ ވިސްނުމާއި އެއްގޮތަށް ޤައުމަށްޓަކައި ވޯޓު ދިނުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ޤަބޫލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި މިހާރު 2008 ވަނަ އަހަރު ފާސްކުރި ޤާނޫނު އަސާސީގައިވާ ރައްޔިތުންގެ ހައްޤުތައް ވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް މުޅިހެން ބަދަލުކޮށްފައި ކަމަށާއި އެއްވެސް ރައްޔިތަކަށް އިންޞާފް ލިބެމުން ނުދާ ކަމަށެވެ. އެކަން ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދެއްވީ ރައީސް މައުމޫން ކަމަށެވެ. އެކަމުގެ އަގެއްގެ ގޮތުން ރައީސް މައުމޫން އާއި އެމަނިކުފާނުގެ ޢާއިލާ ވަނީ ޖަލުގައި ބަންދުކޮށްފައި ކަމަށެވެ. ދެވަނައަށް އެންމެ ބޮޑަށް މަސައްކަތް ކޮށްދެއްވީ ޤާސިމް އިބްރާހީމް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައިވާއިރު ޢާއިލާއަށް ދަނީ އަނިޔާ ކުރަމުން ކަމަށާއި އެމަނިކުފާނުގެ ވިޔަފާރިވެސް ވަނީ "ހައްޔަރުކޮށްފައި" ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ދަނގެތި ރައްޔިތުންނާއި ވަރަށް ގާތް ފަރާތްތަކެއް ކަމަށެވެ. އަދި މިހައިތަނަށް ދަނގެތިގެ ރައްޔިތުން އެމަނިކުފާނަށް ދީފައިވާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
ދަނގެތީގެ ރައްޔިތުންނަކީވެސް ހޭލުންތެރި ބައަކަށްވާތީ މިފަހަރުގެ އިންތިޚާބުގައި ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ރަނިންމޭޓް ފައިޞަލް ނަސީމް ހޮވައިދިނުމަށް އެމީހަކަށް ކޮށްދެވެން އޮތް ކޮންމެ މަސައްކަތެއް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޖޭޕީގެ ޕޯޑިއަމްގައި ލައިވްކޮށް ދެއްވި ވާހަކަފުޅަކާއި ގުޅިގެން ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ މައްޗަށް ވަނީ 3 އަހަރާ 2 މަހާ 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމްކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަޔާނެއް ނެރެފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޢައިރު ޙާޒިރުގައި ރޭގަނޑު ދަންވަރުއެވެ. އެ ބަޔާނުގައި ޤާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި މައްސަލަ ވަނީ 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަހަރު ފުރެން ދާދިކައިރިވެފައިވާއިރުވެސް އަދިވެސް މައްސަލައިގެ އެންމެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެއެވެ.