މަކުނުދޫ އިން މިހާރުވެސް ދެނަމާދު ދެތެރޭ ކީރިތި ޤްރްއާން ކިޔަވާ އަޑު އިވޭނެ- އަނާރާ
މަކުނުދޫ އިން މިހާރުވެސް ދެނަމާދު ދެތެރޭ ކީރިތި ޤްރްއާން ކިޔަވާ އަޑު އިވޭނެ ކަމަށާއި މަކުނުދޫ ރައްޔިތުންނަކީ ކީރިތި ޤްރްއާނަށް ލޯބިކުރާ އަދި ޢާންމުކޮށް ތައުލީމަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް ކަމަށް މަކުނުދޫ ދާއިރާގެެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާޒީއަށް ބަލާއިރު ދެނަމާދު ދޭތެރޭގައި ކީރިތި ޤްރްއާން ކިޔަވާއަޑު ގޭގެއިން މެދުކެނޑުމެއްނެތި އިވުނު ނަމަވެސް ތައުލީމީ ނިޒާމަށް ގެނައި ބަދަލުތަކާއި ސިލްސިލާ ޓީވީ ޕްރޮގްރާމްތައް ބެލެނިވެރިން ބަލަން ފެށުމުން މިމުހިންމު އާދަ މިހާރު ވަނީ ވަރަށް ގިނަ ރަށްތަކުގައި ނެތިގެންގޮސްފައެވެ.
ގުޅިފައިވާ ކޯލިޝަނުން ރޭ މަކުނުދޫގައި ބޭއްވި ބައްދަލުވުމުގައި އަނާރާ ވިދާޅުވީ މަކުނުދޫއަކީ ވަރަށް އެކަހެރި ގޮތަކަށް އެހެން ރަށްރަށާއި ވަރަށް ދުރުގައި އޮންނަ ރަށަކަށްވާތީ ތައުލީމް ޙާޞިލުކުރަން ދަރިން އެހެން ރަށްތަކުގައި ބައިތިއްބައިގެން ދަރިންގެ ކަންކަން ބެލެހެއްޓުމަށްވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. ދަތުރުފަތުރު ކުރުމަށްވެސް ވަރަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށެވެ.
އަނާރާ ވިދާޅުވީ މިސަބަބުތަކަށްޓައި ކީރިތި ޤްރްއާނާއި ބެހޭ މަރުކަޒުގެ ގޮތްޕަކާއި އަދި ރަށުގައި ތިބެގެން މަތީ ތައުލީމު ޙާސިލުކުރެވޭނެ އިންތިޒާމެއް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ ޚިދުމަތްތައް ރަށުން ލިބޭނެ ގޮތެއް ހަމަޖެއްސެވުމަށް ސަރުކާރުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް އަދި މިހައިތަނަށް އެއްވެސް އިޖާބައެއް ލިބިފައި ނުވާ ކަމަށެވެ.
ރޭގެ ޖަލްސާގައި ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވަނީ ކޯލިޝަނުގެ ވެރިކަމެއްގައި މަކުނުދޫ އަށް ބޭނުންވާ މިފަދަ ޚިދުމަތްތަކާއި އަދިވެސް އިތުރު ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.