އީޔޫއަށް އެކްސްޕޯޓް ކުރާނެ މަސް ލިބޭނީ ﷲ މަސްވެރިކަން ފަހިކޮށްދެއްވެވިނަމަ ނޫންތޯ؟ ބިރުގަންނަންވީ އީޔޫ ދެކެތަ؟ ބުދު ބަހައްޓަންތަ؟
"އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ. ރާއްޖެއަށް ބާނާ މަހުގެ 99 އަކީ އެކްސްޕޯޓް ކުރެވޭ އެއްޗެއް. ރާއްޖެ އާއިމެދު ފިޔަވަޅެއް އަޅައިފިނަމަ އެކްސްޕޯޓް ކުރަން ދަތިތައް ކުރިމަތިވާނެ. އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ." ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ މި ބަސްފުޅުތަކުން އެނގެނީ އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅައިފިނަމަ ރާއްޖޭގެ މަސްވެރިކަމަށް ކުރިމަތިވާނެ މައްސަލަތަކާއިމެދު ސަރުކާރު ކަންބޮޑުވާ ކަމެވެ. އެފަދަ ފިޔަވަޅެއް އެޅިއަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމެވެ. ނަމަވެސް ސަރުކާރުން ފުރަތަމަ ކުރަންޖެހޭ މަސައްކަތާއިމެދު މިހާރު މިވަނީ އޮޅުންތައް އަރައިފައެވެ.
މަސްވެރިކަމަކީ ރާއްޖޭގައި 2 ވަނައަށް އެންމެ ބޮޑު ސިނާއަތެވެ. ދިވެހި ރައްޔިތުންގެ އެންމެ ގިނަ ބައަކު މަސައްކަތްކުރަނީ މަސްވެރިކަމުގެ ސިނާއަތުގައެވެ. މަސްވެރިކަން ކުރުމަށެވެ. ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ އަތުގައި އެންމެ ބޮޑު އިންވެސްޓްމަންޓަކަށް ހުރީ މަސްވެރި އުޅަނދުތަކެވެ.
އެހެން ސިނާއަތްތައް ފަދައިން މަސްވެރިކަމަށް ވެސް ގިނަ ބައަކު އިންވެސްޓްކޮށްފައި ވަނީ ލޯނު ނަގައިގެންނެވެ. ބާނާ މަސްކޮޅު ނުވިއްކޭނެ ގޮތެއް ވެއްޖެނަމަ ލޯނު ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ މުޅި ރާއްޖެއަށް ބަލައިފިނަމަ އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މަސްވެރިކަމުގެ ސިނާއަތަށް އެޅޭ ހުރަހަކުންކަން ޤަބޫލުކުރަންޖެހެއެވެ.
ކަންކަން މިފަދައިން އޮތްއިރު އީޔޫގެ ސެންކަޝަނަށް ކަންބޮޑުވާއިރު ﷲ ތަޢާލާގެ "ސެންކްޝަނަށް" ޖެހިލުން ނުވީމާ މިވަނީ ކިހިނެއްބާވައެވެ! 900 އަހަރުވަންދެން ބުދުތަކުން ސަލާމަތްވެފައި އޮތް ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގައި ބުދުތައް ބަހައްޓަން މިހާރު މިވަނީ ފަށައިފައެވެ. ހަމައެކަނި އެއް ބުދުކޮއިލުގައިވެސް މިވަނީ 30 އަށްވުރެ ގިނަ ބޮޑެތި ބުދުތައް ބަހައްޓައިފައެވެ.
ރާއްޖޭގެ މަސްކަނޑުތަކަށް މަސް ވަންނަނީ ﷲ ތަޢާލާ އެކަމަށް މިންވަރު ކުރެއްވެވުމުންނެވެ. މަސް ބޭނެނީ ﷲ ތައާލާ މިންވަރު ކުރެއްވެވުމުންނެވެ. ދީނީ ޢިލްމުވެެރިންގެ އަރިހުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި ބުދު ބެހެއްޓުމަކީ ﷲ ތަޢާލާ ލަޢްނަތް ލައްވަވާފައިވާ ކަމެކެވެ. ބުދު ބެެހެއްޓުމަކީ ﷲ ތަޢާލާގެ ކޯފާ ލިބިދާނެ ކަމެކެވެ. ބުދު ބެހެއްޓުމަކީ މުންކަރާތެކެވެ.
އެހެންކަމަށްވާއިރު ﷲ ތަޢާލާ ލަޢްނަތް ލެއްވެވި ކަންކަން ސަރުކާރުން މިކުރަނީ ﷲ ތަޢާލާގެ ލަޢްނަތް ނުލައްވަވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށް ލިބިފައިވާތީބާވައެވެ؟ މުންކަރާތްތަކަށް އަރައިގަންނަމުން ދިއަ ނަަމަވެސް ހަމަ ﷲ ތަޢާލާގެ ނިޢްމަތްތައް ފުރިހަމައަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ސަރުކާރަށް ލިބިފައިވާތީ ހެއްޔެވެ؟
މަސްވެރިކަން އެކަންޏެއް ނޫނެވެ. އަވަށްޓެރި ޤައުމުތަކަށް ބެލި ނަމަވެސް އެންމެ ދުވަހަކު ކުރާ ވިއްސާރައިން ބައެއް ސްޓޭޓްތަކުގެ ދަނޑުވެރިކަން އެދަނީ އެކުގައި ނެތިގެންނެވެ. ދަނޑުތައް އެދަނީ ސުންނާފަތިވަމުންނެވެ. ބަންގްލަދޭޝްގެ ހަނޑޫދަނޑުތަކަށް ލިބުނު ބޮޑު ގެއްލުންތައް ފޫނުބެއްދިގެން މިހާރުވެސް އެގެންދަނީ އިންޑިއާއިން ހަނޑޫ އެތެރެކުރަމުންނެވެ.
ރާއްޖޭގެ ދަނޑުވެރިކަމަށް މިފަދަ މުޞީބާތެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަން ވެސް ސަރުކާރަށް ލިބިފައިވާތީތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބު ރައްޔިތުން ބޭނުންވެއެވެ.