ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއްގެ ގޮތުގައި އޮތުމުން މަޖިލިސް ސަލާމަތްކުރާނަން: ފައިޞަލް
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއްގެ ގޮތުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް މިހާރު އޮތް އޮތުމުން މަޖިލިސް ސަލާމަތް ކުރައްވަވާނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފައިޞަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތްތަކަށް ޤާނޫނުތައް ހެދުން ކަމަށާއި އަދި މިހާރު ހުރި ޤާނޫނުތައް ވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ބަދަލުކުރުން ކަމަށެވެ.
ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއްގައި މަޖިލީހުގައި ކުރާނީ ރައްޔިތުންގެ މަސައްކަތްތައް ކަމަށެވެ. ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތްތަކަށް ބިލްތައް ފާސްކުރުމާއި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތްތައް ކަމަށެވެ.
ކޯލިޝަނުގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި މެންބަރުންނަށް ރައްޔިތުންގެ ހައްޤުގައި މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.