95،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅި: އިލެކްޝަންސް ކޮމިޝަން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
95،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރުމަށް  ފޯމު ހުށަހެޅި:  އިލެކްޝަންސް ކޮމިޝަން
23 ސެޕްޓެމްބަރ ގައި އޮންނަ ރިއާސީ އިންތިޚާބުގައި، ރީ-ރަޖިސްޓްރީކުރުމަށް 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ މުއްދަތުހަމަވިއިރު ރީ-ރަޖިސްޓްރީ ކުރުމަށް 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ 95،000 މީހުންނަކީ ރަޖިސްޓްރީވި މީހުންގެ އަދަދެއް ނޫންކަމަށާޢި ފޯމުތައް އެންޓާކޮށް ހުރިހާ ކަމެއް ނިމޭއިރު އެ އަދަދު މަދުވާނެކަމަށެވެ. ސައްހަ އަދަދު އެނގޭނީ ހުރިހާ ފޯމުތަކެއް އެންޓާކޮށް ނިމުމުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

''ފޯމުތައް ބަލައި ޗެކްކޮށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން. ރީ-ރަޖިސްޓްރީވި މީހުންގެ ޖުމްލަ އަދަދު އެނގޭނީ ދެތިން ދުވަސް ފަހުން'' ޝަރީފް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅި މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 263،000 މީހުން ތިބިއިރު އޭގެ ތެރެއިން ލައްކައަށްވުރެ ގިނަ މީހުން ރަށުން ބޭރުގައި ވޯޓުލާން ރެޖިސްޓްރީ ކުރި ކަމަށް ބުނުމުން ޤަބޫލުކުރަން ދަތި ކަމަށާއި ރައްޔިތުންނަށް އޮޅުންފިލާނެ ގޮތަކަށް މިކަމުގެ ތަފްސީލު ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާކަމަށެވެ.
މިއަދު އޮންލައިން