ކޮރަޕްޝަނަކީ އިންސާނީ ޠަބީޢަތާއި ގުޅިފައިވާ ކަމެއް ކަމަށާއި ކޮރަޕްޝަނާއި ނުލާ ސަރުކާރެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތަކީ ކޮރަޕްޝަނުގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަމެއް ބަލައި ފިޔަވަޅު އެޅުން ކަމަށެވެ. އަދި މިސަރުކާރުން ގެންދަނީ ވަކި މީހަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅަމުން ކަމަށާއި އެކަމުގެ ސަބަބުން ބައަކު ސަރުކާރަށް ނަފުރަތުކުރި ނަމަވެސް ސަރުކާރުން ގެންދާނީ ފިޔަވަޅު އަޅަމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރިސޯޓްތައް ހަދަން ރަށްތައް ހޯދުމަށްފަހު ތަރައްޤީ ނުކޮށް ލަސްކުރުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށާއި އެއީ "ޢާންމުކޮށް ހުޅުވާލެވިފައިވާ" ކޮރަޕްޝަނެއް ކަމަށެވެ.
ރިސޯޓު ހެދުމަށް ދޫކުރި ރަށްތަކުގެ ތެރެއިން ރާއްޖޭގައި ނުހެދި އެތައް ގިނަ ރަށްތަކެއް ހުރިއިރުވެސް ރައީސް ޔާމީން މިއަދު ފާހަގަކުރެއްވީ ކޮޅުމަޑުލު އެލާ ނުހެދި އޮތް ކަމެވެ.
ރައީސް ޔާމީން މިމޭރުމުން ވިދާޅުވެފައިވާއިރު އެލާ ތަރައްޤީ ނުކުރެވި އޮތީ އެގްރިމަންޓާއި ޚިލާފަށް ޓޫރިޒަމް މިނިސްޓްރީން އެރަށް ވިލާ ގްރޫޕުން ވަކިކުރުމުންނެވެ. ވިލާ ގްރޫޕުގެ މައްސަލަތައް ވިލާ ގްރޫޕާއި އެއްކޮޅަށް ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޙުކުމާއި ގުޅިގެން ރަށް އަނބުރައި ހަވާލުކުރުން އެދި ޓޫރިޒަމް މިނިސްޓްރީއަށް ވިލާ ގްރޫޕުން ހުށަހަޅައި ޙުކުމާއި ގުޅިގެން ވިލާ ގްރޫޕަށް ލިބެންޖެހޭ ޙައްޤުތައް ހޯދަން މިހައި ތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް ޙުކުމާއި އެއްގޮތަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.
ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ ކޯޓުތަކުން ކުރާ ޙުކުމް ތަންފީޒުކުރައްވާނެ ކަމަށެވެ. މިމޭރުމުން ވިދާޅުވި ނަމަވެސް އަމަލުކުރައްވާ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން ތަންފީޒުކުރަނީ ތަންފީޒުކުރަން ބޭނުންވާ މައްސަލަތައްކަން މިފަދަ ކަންކަމުން ދަނީ ހާމަވަމުންނެވެ.
ސްޕްރީމް ކޯޓުން ކުރާ ބައެއް ޙުކުމްތައް ސަރުކާރުން ތަންފީޒު ނުކުރާކަން ފާހަގަކޮށް "ކޯޓުތަކުން ކުރާ ޙުކުމް ތަންފީޒުކުރުމަކީ ޚާއްޞަކޮށް ސްޕްރީމް ކޯޓުން ކުރާ ޙުކުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެޙުކުމާއި އެއްގޮތަށް ވަގުތުން ތަންފީޒުކުރަން ޤާނޫނު އަސާސީ އާއި ޤާނޫނުން ސަރުކާރަށް ލާޒިމް ކުރާ ކަމެއްކަން ސާފުކޮށް އެނގެން އޮތްއިރު ކިހިނެއްތޯ ސަރުކާރުން އަމަލުކުރަންދަނީ ނޭނގޭ ކުޑަކުއްޖަކުވެސް މިޤައުމުގައި އެބައުޅޭތޯ" އާއި ސަރުކާރުގެ ތެރެއިން ރައީސް ޔާމީން ކަންކަން ކުރައްވަމުން، އަމަލުކުރައްވަމުން ގެންދަވަނީ ކަނޑައެޅިގެން މިއާއި ޚިލާފަށްކަން ނޫންތޯ؟" ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ.
ކޮރަޕްޝަނާއި ބެހޭގޮތުން ރައީސް ޔާމީން މިމޭރުމުން ވިދާޅުވެފައިވާއިރު ދާދިފަހުން މިސަރުކާރުގެ ދެވަނަ ނައިބް ރައީސް އަޙްމަދު އަދީބް ކޯޓުގައި ވިދާޅުވީ 80 މިލިއަން ޑޮލަރު ރައީސް ޢަބްދުﷲ ޔާމީނުގެ ގެކޮޅަށް ވައްދައި ގުނާފައިވާ ކަމަށެވެ. މިފަދަ ގިނަ ތުހުމަތުތަކުގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރެވުނުކަން އޭސީސީއިން ވަނީ ހާމަކޮށްފައެވެ. އެ މައްސަލައިގެ ތަޙްޤީޤް ވަކި ހިސާބަކަށް ގެންދިއުމަށްފަހު ފައިލްކޮށްފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ ގެކޮޅު ދޫވެއްސަށް ވަދެފައިވަނީ "ޝައްކެއް ނެތް ގޮތުގައި ހަރާމް ފައިސާ" ކަމަށާއި އެފައިސާ އިން ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށާއި ޕީޕީއެމް ހިންގުމަށް ޚަރަދުކުރައްވާފައިވާނެ ކަމަށާއި އަދި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ޝަރީއަތް ކުރެވެމުން އަންނަ އަހްމަދު އަދީބު ބެއްސެވީ "އަޅުގަނޑުގެ ފައިސާ" ކަމަށް ރައީސް ޔާމީން މުލީއާގޭގައި ވިދާޅުވެފައިވާއިރު އެއިން އެއްވެސް މައްސަލައެއްވެސް މިއަދާއި ހަމައަށް އެއްވެސް މުއައްސަސާއަކުން ބަލާފައި ނުވާކަން ފާހަގަކުރެވެއެވެ.