ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ޔޫއެންޑީޕީ ގުޅިގެން މާލޭގައި މިއަދު ފެށި ކައުންޓް ޓެރަރިޒަމް ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ސުލްހަ އަށް ލޯބިކުރާ ބަޔަކަށް ވިޔަސް މިހާރު ރާއްޖެ އަށް ފެތުރެމުން އަންނަ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކާ ދެކޮޅަށް، އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ވެސް މި ކަމުގައި ހަރަކާތްތެރި ވާން ޖެހޭ ކަމަށެވެ.
ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ދުނިޔެ އަށް އައި ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ވެސް ފޯރާފައިވާ ކަމަށާއި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކުގެ ސަބަބުން ދީނީ ހަރުކަށި ޚިޔާލުގެ މީހުންތަކެއް އުފެދިފައިވާ ކަމަށް ވެސް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ޝަރީފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމަކީ ޓެރަރިޒަމާއި ހަރުކަށި ހައްދުފަހަނައެޅުންތަކުން ސަލާމަތްވެފައިވާ ގައުމެއް ނޫންކަމަށާއި މި ކަމުގައި ދިވެހިރާއްޖެ ވެސް އިސްތިސްނާއެއް ނުވާކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަކީ، 100 ޕަސެންޓް މުސްލިމް އަދި މެދުމިނުގެ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުން ކަމަށްވެސް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.
ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތުގެ ސިޔާސަތުތައް ކަނޑައަޅައި، އެކްޝަން ޕްލޭނެއް ހެދުމަށްޓަކައި ސަރުކަރާއި މުޖްތަމައު ގުޅިގެން މަސައްކަތްކުރުމަށް ފެށި މި ކޮންފަރެންސް އޮންނާނީ މިއަދާއި މާދަމާ އިސްލާމިކް މަރުކަޒުގަ އެވެ.