ޓީވީތަކުން ކެންޑިޑޭޓުންނަށް ވަގުތު ދިނުމާ ބެހޭ އުސޫލަށް އަމަލުކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 2މ 2ސ
ޓީވީތަކުން ކެންޑިޑޭޓުންނަށް ވަގުތު ދިނުމާ ބެހޭ އުސޫލަށް އަމަލުކުރަން ފަށައިފި
ސެޕްޓެމްބަރ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާ ބެހޭ އުސޫލަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އެ އުސޫލުގެ ދަށުން ކެންޑިޑޭޓުންނަށް ޕްރޮގްރާމްތަކާއި އިޝްތިހާރުތަކާއި އެނޫ ވެސް ކޮންޓެންޓް ދެއްކުމަށް ވަގުތުދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9 އިން ފެށިގެން މެންދަމު 12 އާ ހަމައަށެވެ. އަދި އިތުރު ވަގުތު ތަކުގައި ވެސް ހަމަހަމަ ކަމާއެކު ކެންޑިޑޭޓުންނަށް ދިނުމުގެ ފުރުސްތު ބްރޯޑްކާސްޓަރުންނަށް ފުރުސަތު ދީފައި ވެއެވެ. މަދުވެގެން 30 މިނެޓްގެ ވަގުތު ކޮންމެ ކެންޑިޑޭޓަކަށް ނުވަތަ އެކެންޑިޑޭޓް ނިސްބަތްވާ ޕާޓީއަށް ދިނުމަށް ވެސް އެ އުސޫލުން ލާޒިމް ކޮށްފައިވެއެވެ.

ނަމަވެސް އެ އުސޫލުގައި ވަނީ އެއް ކެންޑިޑޭޓަކަށް ނުވަތަ އެކެންޑިޑޭޓް ނިސްބަތްވާ ޕާޓީއަށްވިއްކާ ނުވަތަ ދޭ ވަގުތަށްވުރެއް އިތުރަށް އަނެއް ކެންޑިޑޭޓަކަށް ނުވަތަ އެކެންޑިޑޭޓް ނިސްބަތްވާ ޕާޓީއަށް ދީ ނުވަތަ ވިއްކައިގެން ނުވާނެ ކަމަށެވެ. އަދި ވަގުތު ވިއްކާނީ ހުރިހާ ކެންޑިޑޭޓުންނަށް އެއްއަގެއްގައި ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

އޭގެ އިތުރުން ކެންޑިޑޭޓުންނަށް ވަގުތު ވިއްކާ އަގުތަކުގެ މައުލޫމާތު ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން ފޮނުވަންޖެހެއެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތުތައް ދެމުން އަނަ ގޮތުގެ ރިޕޯޓެއް ކޮންމެ ހަފްތާއަކު އެ ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އަދި ކެމްޕެއިން އެއްކޮށް ނިމުމަށްފަހު އޭގެ ފުރިހަމަ ރިޕޯޓެއް ވެސް ކޮމިޝަނަށް ހުށަހަޅަން އެ އުސޫލުގައި ލާޒިމް ކޮއްފައި ވެއެވެ.

މި އުސޫލަށް އެންމެ ފުރަތަމަ ފަހަރަށް ޚިލާފުވެއްޖެ ނަމަ، އެކަމެއް ރަނގަޅުކުރުމަށް ބޮރޯޑްކާސްޓަރުންނަށް އަންގާނެއެވެ. ދެވަނަ ފަހަރު ޚިލާފުވެއްޖެނަމަ އިންޒާރު އެޅި، ތިންވަނަ ފަހަރުގައި ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާ ވަގުތަކު އިސްލާހު ކުރެވުމަށްފަހު ބަޔާނެއް އާންމު ކުރުމަށް ބްރޯޑްކާސްޓަރަށް އަންގާނެއެވެ. އުސޫލަށް ތަކުރާރުކޮށް ޚިލާފުވަމުންދާ ނަމަ، އެ ބްރޯޑްކާސްޓަރުންގެ ޕްރޮގްރާމް ޝެޑިއުލް ނުވަތަ އެއިން ބައެއް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައި ވެއެވެ.

މި އުސޫލަށް އަމަލުކުރުމަށް ލާޒިމްވެފައި ވަނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެއްވުމުން، މިއަދުން ފެށުގެން އިންތިޚަބްގެ ކެމްޕެއިން ނިމުމާ ހަމައަށެވެ.
މިއަދު އޮންލައިން