18 ވަނަ ސާކު ޕޭމެންޓްސް ކައުންސިލް މީޓިން ކުރުނބާ މޯލްޑިވްސްގައި ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
18 ވަނަ ސާކު ޕޭމެންޓްސް ކައުންސިލް މީޓިން ކުރުނބާ މޯލްޑިވްސްގައި ފަށައިފި
18 ވަނަ ސާކު ޕޭމެންޓްސް ކައުންސިލް މީޓިން އޮގަސްޓް 13 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ފަށައިފިއެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ސާކުގެ މަރުކަޒީ ބޭންކުތަކުގެ އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ސާކުގެ ގައުމުތަކުގައި ގައުމީ ޕޭމެންޓް ސިސްޓަމްތައް ގާއިމުކުރުމުގައި އީޖާދީ ވިސްނުން ގެންގުޅުމަށް އެހީތެރިވެދޭ ކަމަށެވެ. ރާއްޖޭގައި ވެސް ގައުމީ ޕޭމެންޓް ސިސްޓަމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ސާކުގެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ފަންނީ އެހީތެރިކަން ލިބެމުންދާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.



" ތަރައްގީވެފަ އަދި ތަރައްގީވަމުން އަންނަ ގައުމުތަކެކޭ އެއްގޮތަށް ދިވެހި ރާއްޖޭގެ އިގްތިސާދު ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން. މި ކުރިއެރުންތަކުގެ ސަބަބުން ގައުމުތަކުގެ އެތެރޭގައި އަދި އެކި ގައުމުތަކުގައި މެދުގައި ހިންގާ މުއާމަލާތްތައް ދަނީ އިތުރުވަމުން. މި ސަބަބުތަކާއި ހެދި ޕޭމެންޓް ސިސްޓަމް އަކީ ޒަމާނީ އަދި ހަރުދަނާ ޕޭމެންޓް ސިސްޓަމަކަށް ހެދުމުގެ ފުރުސަތު އެބައޮތް. އަދި އެފަދަ އިންފްރާސްޓްރަކްޗައެއް ގާއިމުވެގެން ދިއުމަކީ މުހިއްމުކަމެއް" ގަވަރުނަރު ވިދާޅުވިއެވެ. ގަވަރުނަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޕޭމެންޓް ސިސްޓަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މީގެ މަގުސަދަކީ ރާއްޖޭގެ އިގްތިސާދަށް ބޭނުންވާފަދަ އީޖާދީ އަދި ޒަމާނީ ޕޭމެންޓް ސިސްޓަމެއް ގާއިމުކުރުން ކަމަށެވެ.



ސާކު ގައުމުތަކުގެ މެދުގައި ހިންގާ މުއާމަލާތްތަކަކީ ވީހާ ވެސް ފަސޭހަކަމާއިކު ކުރިއަށް ގެންދެވޭނެ މުއާމަލާތްތަކަށް ހެދުމަށް ފާއިތުވި އަހަރުތަކުގައި މަސައްކަތްކޮށްފައިވާ ކަމަށާއި، މި މަސައްކަތްތަކުގެ ސަބަބުން އާ ފުރުސަތުތައް އުފެދެމުންދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި މި ފަދަ އާ ނިޒާމުތަކުގެ ސަބަބުން ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމެންޓް އިތުރުވެ ވިޔަފާރީގެ ވާދަވެރިކަމާއި މާލީ މުއާމަލާތްތައް ވެސް އިތުރުވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބަންގުލަދޭޝް، ބުޓާން، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ އަދި ރާއްޖޭގެ ފަރާތުން ވަފުދުތައް ބައިވެރިވިއެވެ.

ސާކު ޕޭމެންޓް ކައުންސިލްގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ ޕޭމެންޓްސް ސިސްޓަމްތައް ތަރައްގީކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެއްމެހާ މަސައްކަތްތައްކުރުމެވެ.
މިއަދު އޮންލައިން