ރިޔާސީ އިންތިޚާބު ކައިރިވީމަ ވަކިވައްތަރެއްގެ ވާހަކަތަކެއް ދައްކައިގެން ރައްޔިތުންގެ ސިކުނޑިއަށް ސަވާރުވާން މަސައްކަތް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދ. މީދޫގައި ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ފައިޞަލް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއް ކަމަށާއި ދިވެހި ރައްޔިތުންނަކީ ވަށައިގެން ހިނގަމުންދާ ކަންކަން ހޯދާބަލައި ވިސްނައި ފިކުރުކުރާ ބައެއް ކަމަށެވެ.
ފައިޞަލް ވިދާޅުވީ ދިވެހިންނަކީ މުސްލިމުން ކަމަށާއި ލިބިގަންނަން ބޭނުންވަނީ ހަލާލުތަކެތި ކަމަށެވެ. ކާން ބޭނުންވަނީވެސް ޙަލާލު ތަކެތި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބައެއް ވެރިން ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުން ބެލެނިވެރިންނަށް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ލިބެމުން ކަމަށެވެ. "މިބާވަތުގެ ވާހަކަތައް ދައްކާ ފަރާތްތައް އިންތިހާ ދަރަޖައަށް އަޅުގަނޑު ކުށްވެރިކުރަން."
ފައިޞަލް ވިދާޅުވީ ރާއްޖޭގެ ގިނަ ޢާއިލާތަކެއް ދަނީ އިންޞާފު ނުލިބިގެން ރޮމުން ކަމަށާއި އިންޞާފު ނުލިބުމަކީ އަދި އިންސާފަކީ ރޮއިގެން ހޯދަންޖެހޭ އެއްޗަކަށް ވެއްޖެނަމަ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ފައިޞަލްގެ ވާހަކަފުޅު (އޯޑިއޯ):