އިބޫގެ މައިގަނޑު 3 ވައުދަކީ ވައްކަމާ ކޮރަޕްޝަނާ އަނިޔާވެރިކަން ނައްތައިލުން: މާރިޔާ
ގުޅިފައިވާ ކޯލިޝަނުގެ ރިިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގެ މައިގަނޑު 3 ވައުދަކީ ވައްކަމާ ކޮރަޕްޝަނާ އަނިޔާވެރިކަން ނައްތައިލުން ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ އިބޫ ވައުދުތައްވެވަޑައިގަންނަވަމުން ގެންދަވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެން ތިބި ކަންތައްތަކަށާއި ރައްޔިތުން އެންމެ ބޮޑަށް އެދެމުން ގެންދާ ކަންތައްތަކަށް އިސްކަން ދެއްވައިގެން ކަމަށެވެ.
މާރިޔާ ވިދާޅުވީ ކޮރަޕްޝަން ނައްތައިލުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދެވި ނަމަވެސް ކޯލިޝަނުގެ ސަރުކާރުން އެކަން ކުރާނެ ކަމަށެވެ. ކޯލިޝަނުގެ ސަރުކާރު ވާނީ ކޮރަޕްޝަނާއި ވައްކަން ނައްތާލަން މަސައްކަތްކުރާ ސަރުކާރަކަށް ކަމަށާއި އެއީ ކުރެވޭނެ ކަންކަން ކަމަށެވެ.
ކޮރަޕްޝަނާއި ވައްކަން ނައްތައިލެވުމުން އިންސާފު ލިބުމަށް މަގުފަހިވެ އިންސާފު ލިބެމުންދާނެކަމަށާއި ރާއްޖޭގައި މިހާރު މިއޮތް އަނިޔާވެރިކަން އެއިރުން ނައްތައިލެވި ރައްޔިތުންނަށް އިންސާފު ލިބެމުންދާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.