ސަލާންކުރުމަކީ އިސްލާމް ދީން އަމުރުކުރާ ކަމެއް ނަަމަވެސް އަޅުގަނޑާ ސަލާންކުރާ އުތުރުގެ މުވައްޒިފުން އެބަ ދެކުނަށް ބަދަލުކުރޭ: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ސަލާންކުރުމަކީ އިސްލާމް ދީން އަމުރުކުރާ ކަމެއް ނަަމަވެސް އަޅުގަނޑާ ސަލާންކުރާ އުތުރުގެ މުވައްޒިފުން އެބަ ދެކުނަށް ބަދަލުކުރޭ: ފައިޞަލް
މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވުމުން ސަލާންކުރުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވަވާފައިވީނަމަވެސް ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނާއި ސަލާންކުރާ އުތުރުގެ މުވައްޒިފުން ދެކުނަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވަމުންދާ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިއަދު ވިދާޅުވީ މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާން ކުރުމަކީ އެކަމުން އެތައް ގިނަ ސަވާބެއް ލިބޭ ކަމެއް ކަމަށާއި ސަލާން ކުރުމަކީ މުސްލިމުން ދައްކަންޖެހޭ ނަމޫނާއެއް ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ތެރެއިން ފެންނަމުން މިދަނީ މި މުހިންމު ވާޖިބު އަދާކުރުމަށް ވެސް ހުރަސް އަޅައި އަޅުގަނޑުމެންގެ މެދުގައި އޮތް އުޚުއްވަތްތެރިކަން ނައްތައިލުމަށް މަސައްކަތް ކުރަމުން ގެންދާތަން ކަމަށެވެ.

ފައިޞަލް ވިދާޅުވީ އިސްލާމް ދީނާއިވެސް ޚިލާފަށް ސަރުކާރުން ކުރާ މިފަދަ ކަންކަން ކުށްވެރި ކުރައްވާ ކަމަށާއި ވީހައި ގިނަގިނައިން ސަލާމް ކުރުމަށް ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ. "އަޅުގަނޑު ގޮވާލަނީ ކޮންމެ މީހަކާއި ބައްދަލުވި ނަމަވެސް ސަލާން ކުރުމަށް. އިސްލާމީ ރިވެތި އުޞޫލުތައް ހިފެހެއްޓުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެއް."

ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރަކުން އެންމެ ބޮޑަށް އިސްކަންދޭނީ އިސްލާމީ އުޞޫލުތައް ދިރުވައި އާލާ ކުރުމަށާއި ކީރިތި ޤްރްއާނަށް ލޯބި ޖެއްސުމަށާއި އަދި އިސްލާމް ދީނަށް އަމަލުކުރަން ހިއްވަރު ދިނުމަށް ކަމަށެވެ.

ފައިޞަލް ވިދާޅުވީ އިސްލާމީ ކަންކަން ދަރިންނަށް ދަސްކޮށްދިނުމުގެ ޒިންމާއަކީ ހަމައެކަނި މައިންބަފައިންގެ ޒިންމާއެއް ނޫން ކަމަށާއި އެކަމުގައި ނަމޫނާ ދެއްކުމަކީ ވެރިންނަށް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ސަރުކާރުގެ ވެރިންގެ ކިބައިން މިފެންނަ ކަންކަމަކީ މައިންބަފައިން ދެކެން ބޭނުންވާނެ ކަންކަން ނޫން ކަމަށެވެ.

"ސަރުކާރުގެ މިފަދަ އަމަލުތައް ކުއްވެރިކުރާ ހާލު އަޅުގަނޑު ޔަޤީންކަން މިއަރުވަނީ ކޯލިޝަނުގެ ސަރުކާރެއްގައި އިސްލާމް ދީނުގެ ރިވެތި ނަމޫނާ އަބަދުވެސް ދައްކާނެކަން." ފައިޞަލް ވިދާޅުވިއެވެ.

މިއަދު އޮންލައިން