ޓޫރިސްޓް ރިސސޯޓްތައް ތަރައްޤީކުރަން ހދ އަތޮޅުން ދޫކޮށްފައިވާ ރަށްތައްވެސް ހުރީ ތަރައްޤީ ނުކުރެވި ކަމަށާއި އެފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯއްދަވައި ދެއްވައިގެންވެސް އެރަށްތައް ތަރައްޤީ ކުރުވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ހަނިމާދޫ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރަށްތައް ހޯދައިގެން ތިބި ފަރާތްތަކަށް ރަށްތައް ތަރައްޤީ ނުކުރެވިގެން އުޅެނީ މާލީ ދަތިތަކާއި ހުރެ ކަމަށްވާނަމަ ކޯލިޝަނުގެ ސަރުކާރުން އެ ދަތިތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.
އިބޫ މިމޭރުމުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ސަރުކާރުގެ މާލީ ވަޒީރު ވަނީ ރައްދު ދެއްވައި އެއީ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މާލީ ވަޒީރު މިމޭރުމުން ވިދާޅުވެފައިވާއިރު ޓޫރިޒަމް މިނިސްޓަރުކަމުގަ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޤްޠިޞާދީ ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނަވައި އަހްމަދު އަދީބް ވަނީ ރާއްޖޭގައި ނުހެދި ހުރި ހުރިހާ ރިޒޯޓްތައް ތަރައްޤީ ކުރާނެ ފައިސާ ހޯއްދަވައި ދެއްވާނެކަން އެތައް ފަހަރަކު އިއުލާނު ކުރައްވައިފައެވެ. އަދި އެކަމަށް 200 މިލިއަން ޑޮލަރު ސަރުކާރުން ހަމަޖައްސާފައިވާކަމަށްވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވިދާޅުވެފައެވެެ.
ފަހަރެއްގައި މާލީ ވަޒީރަށް މިކަންކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާލީ ވަޒީރުގެ ވާހަކަފުޅުތަކުން ޤަބޫލުކުރެވެއެވެ.