ވޯޓަރސް ލިސްޓަކީ ހާމަކުރަންޖެހޭ ލިސްޓެއް ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނަނީ އެއީ ހާމަކުރާ ލިސްޓެއް ނޫން ކަމަށް ކަމުގައި ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ހަނިމާދޫގައި އިބޫ ވިދާޅުވީ ވޯޓަރސް ލިސްޓް ވީހައި އަވަހަކަށް ހާމަކޮށްދިނުމަށް ގޮވާލައްވާ ކަމަށެވެ. ބަދަލެއް ގެންނަން ޖެހޭނަމަ އެކަން ފާހަގަކުރައްވަން އެނގިވަޑައިގަންނަވާނީ ލިސްޓް ހާމަކުރުމުން ކަމަށެވެ. "ޤާނޫނުގައި އޮންނަނީ ލިސްޓް ހާމަކުރާތާ 3 ދުވަހުގެ ތެރޭގަ މައްސަލައެއް ހުރިހަމަ އެކަމެއް ހުށަހަޅަން. ފައިނަލް ލިސްޓެއް އެކުލަވާލަންޖެހެނީ އެސަބަބަށްޓަކައި."
އިބޫ ވިދާޅުވީ ހާމަ ނުކުރާ ލިސްޓެއްގައި ހުންނަ މައްސަލަތައް ނުއެނގޭނެ ކަމަށެވެ. އެހެންކަމަށްވާއިރު ޞައްޙަކަން ކަށަވަރު ނުވާ ލިސްޓެއް ދިނުމަށްފަހު ސޮއިކުރަން ބުނި ނަމަވެސް އެއީ ޞައްޙަ ލިސްޓެއްކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި އެއީ އެކަން އޮވެގެންވާނެ ގޮތެއް ނޫން ކަމަށެވެ. ބަދަލެއް އުޅޭނަމަ އެކަމެއް ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ ކިތަންމެ ވަރަކަށް މަކަރުހަދައި އޮޅުވާލަން އުޅުނު ނަމަވެސް އެކަން ކުރުމުގެ ފުރުޞަތު ރައްޔިތުން ނުދޭނެ ކަމަށާއި ރައްޔިތުން ތިބީ އެކަމަށް ހޭލުންތެރިވެގެން ކަމަށެވެ.