ބާޒާރުގައި ފިޔާ، އަލުވި، ބިހުގެ އަގު ތިރިވެލައިފިއެެވެ. ފިޔާ ކިލޯއެއްގެ އަގު 50 ރުފިޔާއަށް އެރުމަށްފަހު މިއަދު ހުރީ 30 ރުފިޔާއަށެވެ. އަލުވި ކިލޯއެއްގެ އަގު 30 ރުފިޔާއަށް އެރުމަށްފަހު މިއަދު ހުރީ 15 ރުފިޔާއަށެވެ. ކުކުޅު ބިހެއްގެ އަގު 3 ރުފިޔާއަށް އެރުމަށްފަހު މިއަދު ހުރީ 2 ރުފިޔާއަށެވެ.
މިބާވަތްތައް ގިނަ އަދަދަކަށް އެތެރެކުރާ ފަރާތަކުން ބުނީ އީދަށް ފުރާ އުޅަނދުތައް ފުރުމުން މިހާރަށްވުރެ ވެސް އަގު ހެޔޮވާނެ ކަމަށެވެ. "މިހާރު ވެގެން މިއުޅޭ ގޮތަކީ މިތަކެތީގެ ސްޓޮކް ރަށްރަށުންނާ ރިސޯޓްތަކުން ވެސް ހުސްވީ. އެހެންވެ ގަނެގެން ގެންދާ އަދަދު އިތުރުވީ. އެހެންވެ މިހާރު ލިބެމުން އަންނަވަރަށް ވިކި ހުސްވާތީ އަގު ހެޔޮ ނުވެގެން އުޅެނީ."
މިވަގުތު ދެން އަގުތައް އުފުލޭނެ ކަމަކަށް ނުބެލެވޭ ކަމަށާއި ނަމަވެސް ވިއްސާރަ ދިގުލައިގޮސް ބޯޓުފަހަރު އައުމަށް ދަތިތައް ކުރިމަތިވެއްޖެނަމަ އަގުތައް ކޮންމެވެސް ވަރަކަށް އުފުލިދާނެ ކަމަށް ބެލެވޭނެ ކަމަށްވެސް ވިޔަފާރިވެރިޔާ ބުނެފައިވެއެވެ.
އޭނާ ބުނިގޮތުގައި އިންޑިއާގައި ފިޔާ އެންމެ ގިނައިން ހައްދާ ސްޓޭޓްގައި މީގެ ދެދުވަހެއް ކުރިން ވަރަށް ބޮޑަށް ފެން ބޮޑުވުމާއި ގުޅިގެން ފިޔާގެ އަގު އުފުލިގެންދާނެއެވެ. ނަމަވެސް އެކަން ފެނިގެންދާނީ އަދި މަހެއް، ދޮޅުމަހެއްހައި ދުވަސް ފަހުންނެވެ.