މިދުވަސްކޮޅު އިންޑިއާ އަށް ވެސް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ކެރަލާ ސްޓޭޓްގެ ވެރިރަށް ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވެ، އެސަރަޙައްދުގައި ދިރިއުޅޭ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެއެވެ.
މިހާދިސާއާއި ގުޅެގޮތުން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުއްﷲ ތައުފީގު ވިދާޅުވީ މިއަދު ޓްރިވެންޑްރަމަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ، ދިވެހި ތިން އާއިލާއެއް ދިރިއުޅެމުންދާ ގެތަކެއްގައި ފެން ބޮޑުވެފައިވާ ކަމަށެވެ.
އެމީހުންގެ ސަލާމަތަށްޓަކައި އެއައިލާތަކުގެ މީހުން ތިބީ އެގެތަކުގެ އެއްވަނަ ފަންގިފިލާއަށް އަރައި ކަމަށާއި އެމީހުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ދެރަ ނުވާ ކަމަށް ވެސް ޖާދުﷲ ވިދާޅުވިއެވެ. ނަމަވެސް ކައްކައި ކައިގެން އުޅުމަށް އެމީހުންނަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޖާދުﷲ ވިދާޅުވެފައިވަނީ އެތިން އާއިލާގައި ތިބީ ކިތައް މެންބަރުންކަން މިހާރު ސަފު ކުރަމުންދާ ކަމަށާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެމީހުންގެ ތެރެއިން ސަލާމަތީ ސަރަޙައްދުތަކަށް ގެންދަން ޖެހޭ ހާލުގައި ތިބީ ކޮން ބައެއްކަން ވެސް ބަލަމުން އަންނަ ކަމަށެވެ.