20 ރުފިޔާއަށް މަސް ގަނެފަ، ގަތީ 500 ރުފިޔާއަށް ކަމަށް ނުބުނެ، މަސް ގަތީ 20 ރުފިޔާއަށް ކަމަށް ހިސާބުތަކުން ދެއްކުވީމަ ކޯލިޝަނުގެ ވައުދު ފުއްދާނެ ފައިސާ ލިބޭނެ ކަމަށް އަދާލަތު ޕާޓީގެ ރަޖިސްޓްރާރ ހުސައިން ވަފީރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ކޯލިޝަނުން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވަފީރު ވިދާޅުވީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނީ ހަމަ މިހާރުވެސް ދައުލަތަށް ލިބުމުން އަންނަ އާމްދަނީން ކަމަށެވެ. ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އިން ކަމަށެވެ.
ވަފީރު ވިދާޅުވީ ރައްޔިތުން ދައްކާ ފައިސާއަށް ތެދުވެރިވީމާ ރައްޔިތުން ބޭނުންވެގެން ތިބި ހުރިހާ ބޭނުންތަކެއްވެސް ފުއްދައި ދެވޭނެ ކަމަށެވެ.
ދާދިފަހުން އަދާލަތު ޕާޓީގެ ނަމުގައި ބައަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއިބެހޭ ގޮތުން ވަފީރު ވިދާޅުވީ އެ ބައްދަލުވުމުގައި ތިބި ގިނަ މީހުންނަކީ އަދާލަތު ޕާޓީގެ މެންބަރުންގެ ގޮތުގައި ދުވަހަކު ރަޖިސްޓްރީވި ބައެއްވެސް ނޫން ކަމަށެވެ. "އިބްރާހީމް ކިޔާ މީހަކު އަދާލަތު ޕާޓީގެ ޒުވާނުންގެ ނަމުގަ ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެންމެންނަކީ ހައިދަރުއާބާދީ ބިރިޔާންޏަކަށް ވިކޭނެ ބައަކަށް ނުވާތީ އެކަން ނުކުރެވުނީ. ދެން ތިމަންނަމެންނަކީ އަދާލަތު ޕާޓީގެ ބައެއް ކަމަށް ބުނެ ބައްދަލުވުމެއް ބޭއްވީ" ކަމަށްވެސް ވަފީރު ވިދާޅުވިއެވެ.