ރާއްޖޭގެ އެތައް ރަށެއް އަދިވެސް ފެނާއި ނަރުދަމާއަށް ބޭނުންވެފައި؛ ވަޒީރު ދެއްވި ޔަޤީންކަން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ރާއްޖޭގެ އެތައް ރަށެއް އަދިވެސް ފެނާއި ނަރުދަމާއަށް ބޭނުންވެފައި؛ ވަޒީރު ދެއްވި ޔަޤީންކަން!

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެތައް ރަށެއްގައި އަދިވެސް ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްވެފައި ނުވާއިރު، ކުރިއަށް އޮތް 2027 ވަނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ނިޒާމުތައް ޤާއިމްކޮށް އެއްކޮށް ނިންމުމަށް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މި ޔަޤީންކަން ދެއްވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއްޠަލިބް ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 43 ރަށެއްގައި ފެނުގެ ނިޒާމު އަދިވެސް ޤާއިމްވެފައި ނެތް ކަމަށާއި، 33 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމްވެފައި ނުވާ ކަމަށެވެ. އެހެންކަމުން، މި ފެށޭ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހާތަނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާ ނަރުދަމާގެ ބާކީ ހުރިވަރަށް ބަލާނަމަ އަޅުގަނޑުމެންނަށް 43 ރަށުގައި ފެނުގެ ނިޒާމު ޤާއިމް ނުކުރެވި އެބައޮތް. އަދި 33 ރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމް ނުކުރެވޭ. އެހުރިހާ ރަށެއްގެ މަސައްކަތްވެސް އެބަ ކުރިއަށް ގެންދަން. ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ޤާނޫނީ ގޮތުންވެސް ޒިންމާއެއް. މިފެށޭ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާ ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް،" ވަޒީރު ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމުމުގައި ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން މަސައްކަތް ފުރިހަމަ ނުކޮށް ހުއްޓާލާފައިވާ ކަމަށެވެ.

އެގޮތުން، ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ޑުޕްލެކްސް ކުންފުންޏާ މަޝްވަރާކޮށްގެން އެ މަސައްކަތްތައް އަލުން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ބައެއް ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން، ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށައި ކުރިއަށް ގެންދިއުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

މިއަދު އޮންލައިން