މިނިވަންކަން ދެމެހެއްޓެނީ ގިނަބައެއްގެ ދެމެހެއްޓެނިވި މަސައްކަތުން: އަކިލޭޝް މިޝްރާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
މިނިވަންކަން ދެމެހެއްޓެނީ ގިނަބައެއްގެ ދެމެހެއްޓެނިވި މަސައްކަތުން: އަކިލޭޝް މިޝްރާ
ޤައުމަކަށް މިނިވަންކަން ލިބުނު ނަމަވެސް އެ ލިބުނު މިނިވަންކަން ދެމެހެއްޓެމުން އަންނަނީ ވަރަށް ގިނަ ބައަކު ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސައްކަތުން ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.



އިންޑިއާގެ 72 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝނުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ރައީސްގެ ބަޔާން އިއްވަވަމުން މިޝްރާ ވިދާޅުވީ މިނިވަންކަން ލިބެނީ ގިނަ ބައެއްގެ، ގިނަ އަދަދެއްގެ ޤައުމީ ބަޠޮލުންގެ މަތިވެރި ޤްރްބާނީން ކަމަށާއި މިނިވަންކަން ލިބުމަކީ މިނިވަންކަމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ނިމުމެއް ނޫން ކަމަށާއި އެއީ ފެށުމެއް ކަމަށެވެ.



މިޝްރާ ވިދާޅުވީ ޤައުމުގެ މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަށްޓަކައި އަސްކަރިއްޔާގެ ދައުރުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑު ކަމަށެވެ. ހަމަ އެއާއިއެކު އުފެއްދުންތެރި ބިނާ ކުރަނިވި ކޮންމެ މަސައްކަތްތަކެއް ކުރާ މީހެއްގެ ދައުރުވެސް ހަމަ ވަރަށް މުހިންމު ކަމަށެވެ. ދަނޑުވެރިން ކުރާ މަސައްކަތްތައް ވެސް ހަމަ ވަރަށް މުހިންމު ކަމަށެވެ.



މިޝްރާ ވިދާޅުވީ ޤައުމު ބިނާކޮށް ކުރިއަރުވައި މިނިވަންކަން ދެމެހެއްޓުމުގައި އަންހެނުންނާއި ޒުވާނުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. ހަމައެއާއިއެކު ކޮންމެ މަސައްކަތެއް ކުރާ މީހަކު ނަމަވެސް މަސައްކަތްކުރަންވާނީ ޤައުމީ ޚިދުމަތެއް ކަމަށް ބަލައި އެމީހުންނަށް ކުރެވުނު އެންމެ އިޚްލާޞްތެރިކަމާއިއެކުގައި ކަމަށެވެ.

މިޝްރާ ވަނީ ދިވެހިން އެމަނިކުފާނާއި އަދި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނާއިމެދު ބަހައްޓަމުން ގެންދާ ގާތްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި މިޝްރާ ވަނީ ކޮންމެ ތަނެއްގައި ކޮންމެ ރަށެއްގައި މަސައްކަތްކުރި ނަމަވެސް ވީހައި އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިޝްރާ ވިދާޅުވީ މުހިންމީ ކުރާ މަސައްކަތް ވީހައި ފުރިހަމައަށް ކުރުން ކަމަށާއި އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ލޯބި އިތުރުވާނެ ގޮތަށް ގުޅުން ބަދަހިކުރަމުން ގެންދިއުން ކަމަށެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ބައިވެރިވިއެވެ. އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އަޙްމަދިއްޔާ ސްކޫލުގައިވެސް ވަނީ ޢާންމުކޮށް ހުޅުވާލައިގެން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މިއަދު އޮންލައިން