ކަރަންޓަށް ކުރަން ނުޖެހޭ ހޭދަކޮށްގެން ކަރަންޓުގެ އަގަށް އިތުރު ފައިސާ ދައްކަންޖެހުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އއ.މާޅުހައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިއަދު ވިދާޅުވީ ކަރަންޓު ދިނުމަށް ކުރަންޖެހޭ ހޭދައަށް، ޖެނެރޭޓަރާއި ސްޕެއަރޕާޓްސް ފަދަ ތަކެތި ގަތުމަށް ކުރަންޖެހޭ ހޭދަ ހަމައަަގަށްވުރެ ބޮޑު އަގުގައި ކުރުމަކީ ކަރަންޓުގެ އަގު އުފުލިގެންދާ ކަމެއް ކަމަށެވެ.
ފައިޞަލް މިއަދުވެސް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއްގައި އިސްރާފާއި ކޮރަޕްޝަންގެ އަމަލުތައް ނުހިންގޭނެ ކަމަށާއި ކޮންމެ ކަމެއްވެސް ކުރެވޭނީ ދެފުށް ފެންނަ ގޮތަށް ހަމަ އަގުގައި ކަމަށެވެ. އެހެންކަމުން ކަންކަމަށް ކުރަންޖެހޭ ހޭދަ ކުޑަވެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ އަގުތައް ކުޑަވެގެންދާނެ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކި ގޮތަކަށް ވޯޓުލައްވަން މަޖުބޫރުކުރުވުމަށް ސަރުކާރުން ގެންދަނީ ނުފޫޒުތައް ފޯރުވަމުން ކަމަށެވެ. ފަރުދުންނާއި ޢާއިލާތަކަށް ވެސް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ.
ފައިޞަލް ވިދާޅުވީ އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށެވެ. އެހެންކަމުން އެ ހައްޤުގެ ބޭނުން ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ހިފުމަކީ އެއްވެސް މީހަކަށް ނުފޫޒު ފޯރުވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ފައިޞަލް ވިދާޅުވީ އެމީހަކު ވޯޓުލީ ގޮތް އެހެން މީހަކަށް ނުއެނގޭނެ ކަމަށާއި ވޯޓުލީ ކެންޑިޑޭޓް އެނގޭނީ އެމީހަކަށް ކަމަށެވެ. އެހެންކަމުން އެއްވެސް ބިރެއް ނެތި ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އެދިވަދައިގަންނަވާ ކަމަށެވެ.