ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި
ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރިގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކުރެވިފައި ވަނީ ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފަލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮގަސްޓް 15 ވަނަދުވަހުގެ ހަވީރު ފަސްގަޑި ސުންމިނެޓްގައި ހިންނަވަރު ޕޮލިސް ސްޓޭޝަން އާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އޭނާ ހިންނަވަރު ބަންދަރަށް ފޭބި ތަނުންނެވެ.

ހިންނަވަރު ބަނދަރު ސަރަހައްދުން މިމީހާ ހައްޔަރުކޮށް ބަލާފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަންޑައަޅާ ތަނެއްގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލް ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
މިއަދު އޮންލައިން