މިއަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހު ހައްޔަރު ކުރެވުނު، އަދި މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އޭނާގެ ފަރާތުން ވަކީލުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް މުރައްވާފައިވާ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމުގައި ވެސް ހުންނެވި ޢަބްދުﷲ ރިޔާޒް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހައިކޯޓުން ޙުކުމް ކުރީ މިއަހަރުގެ އޭޕްރިލް މަހުގައެވެ. އޭނާގެ މައްޗަށް ޖަލު ހުކުމެއް އައީ ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހިފަހައްޓައި ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލައިގައެވެ. އެޙުކުމް އިސްތިއުނާފް ކުރުމަށްޓަކައި ރިޔާޒްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
ޢަބްދުﷲ ރިޔާޒްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހުކުމުގެ ތިން މަހާއި 24 ދުވަސް މިހާރު ރިޔާޒް ތަންފީޒުކޮށް ނިންމާފައިވާ ކަމަށާއި އެމައްސަލަ އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން މިހާތަނަށް އެކޯޓުން ގޮތެއް ނިންމާފައިނުވާ ކަމަށެެވެ. އެހެންކަމުން އެމައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ރިޔާޒް މިނިވަން ކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.