ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނުކުންނާނީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަން ބަދަލުކުރަން ކަމަށާއި ރައްޔިތުން އެނބުރި ގެއަށް ވަންނާނީ މާތްﷲ ވާގިފުޅާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކާމިޔާބުކުރުމަށްފަހުގައި ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މާފުށީގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުން ކަމަކަށް ބޭނުންވުމުން އެކަމެއް ކާމިޔާބުކުރެވޭނެ ކަމަށެވެ. މާޒީގައި އެކަން ވަނީ އެގޮތަށް ހިނގާފައި ކަމަށެވެ.
މާފުށްޓަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ކުރިއަރާފައިވާ ރަށް ކަމާއި އެރަށުގައި މޫދުކުޅިވަރުގެ ޚިދުމަތް ދޭ 3 މަރުކަޒު ހުރިކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއްގައި މޫދު ކުޅިވަރު ކުރިއެރުވުމަކީ ޤައުމީ ކަމަކަށް ހައްދަވާނެ ކަމަށެވެ. އަދި ޚިދުމަތުގައި މިހާރު ތިބި މީހުންނަށް އެހީތެރިކަމާއި ތަމްްރީނު ދެއްވާނެ ކަމަށެވެ.
އިބޫ ވަނީ މާފުށްޓަށް ބޭނުންވާ ބައެއް ކަންކަން ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެރަށަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އިތުރު ބިން ހިއްކަވާނެ ކަމަށާއިި ގޯތި ދެއްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.