ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް މަރުހަބާ ކިޔުމުގައި ފެންނަނީ ވާދަކުރާތަން ކަމަށާއި އެކަމުން އަންގައިދެނީ ރާއްޖޭގައި މިހާރު އޮތް ވެރިކަން ބަދަލުކުރަން ބޭނުންވެގެން ރައްޔިތުން ތިބި މިންވަރު ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އއ ފެރިދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިއަދު ވިދާޅުވީ ސަރުކާރުގެ ޚިޔާނާތްތެރިކަން އިންތިހާއަށް ގޮސް ކޮޅުން ލައިގެން ދިއުމުން އެ ސަރުކާރަކަށް ދެވަނަ ފުރުޞަތު ދިނުމަށް އެއްވެސް ސަރުކާރަކުން ބޭނުން ނުވާނެ ކަމަށެވެ. އިޙްޞާންތެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތް ބައެއްގެ އަތްމައްޗަށް ދެވަނަ ދައުރެއް ދޫކޮށް ނުލާނެ ކަމަށެވެ. އިންސާފުވެރިކަމާ ހަމަކަމުގެ އެއްވެސް މިންވަރެއް ނެތް ބައަކަށް އަނެއްކާވެސް ފުރުޞަތު ދޭން ބޭނުން ނުވާނެ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ދަތުރުފުޅުތައް ކުރައްވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެން ތިބޭ ކަންކަން ބެއްލެވުމަށް ކަމަށާއި އެކަންކަން ކޯލިޝަނުގެ ސަރުކާރުގައި ފުރިހަމަކޮށްދިނުމަށް ކަމަށެވެ. "އިންސާނަކު ބަލިވެ ހާލުގައި ޖހުމުން ސަލާންޖަހަން ޖެހުމަކީ ކިހައިވަރެއްގެ ކމެއްކަން ކިޔައިދޭކަށް ނުޖެހޭނެ. ނަމަވެސް މިއަދު އެކަންތައްތައް މިދަނީ މެދުވެރިވަމުން. މިރަށުންވެސް އަޑު އިވިގެން މިދިއައީ މިލިއަނަކުން އެކަކަށް ޖެހޭ ބޮޑު ބައްޔެއް ޖެހިގެން އުޅޭ މީހަކު އާސަންދަ ނުލިބިގެން ސަލާންޖަހާތާ އެތައް އަހަރެއްވެފައިވާ ކަމުގެ ވާހަކަ."
ފައިޞަލް ވިދާޅުވީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހުރި ސަރުކާރަކުން މިފަދަ ގޮތްތަކަށް ކަންތައްތައް ނުކުރާނެ ކަމަށެވެ. ނަމަވެސް މިފަދަ ކަންކަން ކޮންމެ ރަށަކުން ވެސް މިދަނީ ފެންނަމުން ކަމަށެވެ. "ވެރިއަކު އިންތިޚާބު ކުރަނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގަ. ވީމާ ސަލާންޖަހަން ޖެހިގެން ނުވާނެ ހަމަ އެންމެ ރައްޔިތަކަށްވެސް."