މިސަރުކާރުން ކުރާ ކަމަކީ ކަމެއް ނުވެ އޮތް ނަމަ ދާއިރާގެ މެންބަރު ކޮބައިތޯ ސުވާލުކުރުމާއި މެންބަރުންގެ ސަލާންޖަހައި އާދޭސްކުރުމުން ނަމަވެސް ކަމެއް ވެއްޖެނަމަ ޝުކުރިއްޔާ ރައީސް ކިޔައި އަތްޖެހުން ކަމަށް ފެރިދޫ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރަނިންމޭޓް ފައިޞަލް ނަސީމަށް މަރުހަބާ ކިޔުމަށް މިއަދު ފެރިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޙުސައިން މުޙައްމަދު ވިދާޅުވީ ފެރިދޫ ނަރުދަމާ ނިޒާމު ޤާއިމުކުރުުމުގެ މައްސަލަ އާއި އަދި ދާއިރާގެ އެހެން ރަށްތަކަށް ބޭނުންވެފައި ހުރި ކަމުގެ ވާހަކަތައްވެސް ކޮންމެ އަހަރަކުވެސް ތަކުރާރުކުރައްވައި އެތައް ފަހަރަކު ސަރުކާރުގެ ސަމާލުކަމަށް ގެންދަވާ ކަމަށެވެ.
ޙުސައިން މުޙައްމަދު ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވެގެން އުޅެނީ ކޮންމެ ކަމަކަށް ސަލާން ޖަހަން ނުޖެހޭނެ، އަދި ކޮންމެ ކަމެއް ކުރަން ބޭނުންވުމުން ކޮންމެވެސް ބޮޑުބޭފުޅެއްގެ އަރިހަށް ގޮސް އާދޭސް ކުރަން ނުޖެހޭނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތް ކުރާނެ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ކޯލިޝަނުގެ ސަރުކާރަކީ އެފަދަ ސަރުކާރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.